އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގެ ކުޅުން ބަރަކާތްތެރި ރަމަޝާން މަހުގެ ރޯދަ ވީއްލާ ވަގުތަށް މެދު ކަނޑާލާނެ ކަމަށް ޕްރިމިއާ ލީގުން ބުނެފި އެވެ.
2021 ވަނަ އަހަރު ޕްރިމިއާ ލީގުގެ ގަވާއިދަށް ގެނައި ބަދަލާއެކު ރޯދަ މަހުގެ ރޯދަ ވިއްލާ ވަގުތު މުސްލިމް ކުޅުންތެރިންނަށް ދިނުމުގެ ގޮތުން ވަނީ މެޗުތަކުގެ ކުޅުން މެދުކަނޑާލުމަށް ނިންމާފަ އެވެ. އަދި އެގޮތަށް މި އަހަރުގެ ރޯދަ މަހުވެސް އަމަލު ކުރުމަށް ވަނީ ނިންމާފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ރޯދަ ވީއްލާ ވަގުތާއި ދިމާވާނީ އިންގްލެންޑްގެ ގަޑިން 16:30 އާއި 17:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުތަކުގަ އެވެ. މި މެޗުތައް ފެށުމުގެ ކުރިން ޓީމު ތަކުގެ ކެޕްޓަނުންނާއި ވާހަކަ ދެއްކުމަށްފަހު ރޯދަ ވީއްލާ ވަގުތުތަކަށް މެޗުތައް މެދުކަނޑާލާނެކަން އަންގާނެ އެވެ.
ރޯދަ ވީއްލުމަށް ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޕްރިމިއާ ލީގުގައި އެންމެ ފުރަތަމަ މެދު ކަނޑާލާފައިވަނީ ލީގުގައި 2021 ވަނަ އަހަރު ލެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގަ އެވެ.
ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން މެޗުތައް މެދު ކަނޑާލާއިރު ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ވަނީ ރޯދަ މަހު މުސްލިމް ކުޅުންތެރިން ރޯދައަށް ތިބޭ ވަގުތަށް ބެލުމަށްފަހު ފަރިތަކުރުންތަކަށްވެސް ބަދަލުތަކެއް ގެނެސްފަ އެވެ.