"ރޯދައިގެ ހިޔަލުގައި" މި ނަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުއްޤައްޔޫމް ދެއްވާ ދީނީ ނަޞޭހަތް މި ރަމަޟާން މަހުވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެއެވެ.
ޚަބަރުތަކުގެ ކޮންޓެންޓް މުއްސަނދިކުރުމަށް ކުރާ މަސައްކަތްތަކާ އެކުއެކީގައި ރަމަޟާންމަހަކީ ދީނީގޮތުންވެސް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ މައްސަރެއްކަމުން، ދީނީ ރޮނގުން ރައްޔިތުންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތައްވެސް ގެނެސްދިނުމަކީ ޕީއެސްއެމް ނިއުސްޓީމުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ.
ރައީސް މައުމޫންގެ އަގުހުރި ނަސޭހަތުގެ ބަސްކޮޅުތަކާއެކު "ރޯދައިގެ ހިޔަލުގައި" މިފަހަރުވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދޭނީ މައުމޫން ފައުންޑޭޝަންގެ އެހީތެރިކަމާއެކުގައެވެ.
އެކި އުމުރުފުރާގެ މީހުންނާވެސް ގުޅޭނެހެން ރޯދަ ހިފުމުގައާއި ދީނީ އަޅުކަންތައްތައް އަދާކުރުމުގައި ސަމާލުވެ ރައްކާތެރިވާންވީން ކަންކަމުގެ މައްޗަށާއި ދީނީ އެކިއެކި މަޢުޟޫޢުތަކުގެ މައްޗަށް މި ނަޞޭހަތްތަކުގައި ރައީސް މައުމޫން އަލިއަޅުއްވާލައްވާނެއެވެ.
މިދިޔަ އަހަރުވެސް "ރޯދައިގެ ހިޔަލުގައި" މި ސެގްމެންޓް ގެނެސްދީފައިވަނީ ރައީސް މައުމޫނުގެ ނަސޭހަތުގެ ބަސްކޮޅުތަކެވެ.
ރަމަޟާން މަހު މަޣްރިބު ނަމާދުގެ ކުރިން ގެނެސްދޭ މި ޚާއްސަ ނަސޭޙަތުގެ ބަސްކޮޅުގެ އިތުރުން ރަމަޟާންމަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އިސްލާމީ މަރުކަޒުގައި ކުރާ ތަރާވީޚް ނަމާދު ޕީއެސްއެމް ނިއުސްއިން ކޮންމެ ރެޔަކު ވަގުތުން ގެނެސްދޭނެއެވެ.
ހަމައެހެންމެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށްޓަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ އިޙްޔާ ފޯރަމްތައްވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.