ޚަބަރު

ވިގަން އަތުން އާސެނަލް އަށް ފަސޭހަ މޮޅެއް


އިނގިރޭސި އެފްއޭ ކަޕްގައި ރޭ ވިގަން އެތްލެޓިކް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި އާސެނަލްގެ ނޮނީ މަޑުއެކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ ހަތް މިނިޓު ފަހުން އާސެނަލްގެ ގެބްރިއެލް މާޓިނޭލީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އާސެނަލްގެ ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ އެބެރޭޗީ އެޒޭ ދިން ދެ ޕާހުންނެވެ.

އާސެނަލް އިން މެޗުގެ 73 އިން ސައްތަ ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ވިގަން އެތްލެޓިކްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް އަމާޒުކޮށްފަ އެވެ.

މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 23 ވަނަ މިނިޓުގައި ޖެކް ހަންޓް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ލަނޑަކީ ބުކަޔޯ ސަކާ އާއި މަޑުއެކޭ ގުޅިގެން އުފެއްދި ހަމަލައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ހަންޓް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އާސެނަލް އިން މި މެޗުގައި ހަތަރުވަނަ ލަނޑެއް ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނިޓުގަ އެވެ.

މި ނަތީޖާ އާއިއެކު އާސެނަލް އަށް އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ ޖާގައެއް ވަނީ ލިބިފަ އެވެ. 2020 ވަނަ އަހަރަށްފަހު އާސެނަލް އަށް އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ ޖާގައެއް ލިބިފައެއް ނުވެއެވެ.

މުބާރާތުގެ ފަސްވަނަ ބުރުގައި ޓީމުތައް ކުޅެން ޖެހޭ މެޗުތައް ޔަގީން ވާނީ މިއަދު ނަގާ ގުރުއަތުލުމަށްފަހުގަ އެވެ.