ސަރުކާރުގެ ތަސައްވުރަކީ ބިނާކުރާ ކޮންމެ ތަނެއް، ހަމައެކަނި ކުޅިވަރު ކުޅޭ ތަނަކަށް ހެދުން ނޫންކަމަށާއި ސަރުކާރުން ބިނާކުރަމުން މިދަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރާނެ ނިޒާމެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފަވަނީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025" ހަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ކުޅިވަރު ދާއިރާތައް ވީ ވަޢުދުތަކަކީ ހަމައެކަނި ބުނެލި ބަހެއް ނޫންކަމަށާއި އެވަޢުދުތައް ހަލުވިކަމާއިއެކު ފުއްދަމުންދާތަން ފެންނަމުންދާކަމަށެވެ. ކުޅިވަރު ދާއިރާގެ ތަސައްވުރަކީ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން، ކުޅުންތެރިންނާއި، ފަންނީ މީހުންނާއި، ވަސީލަތްތަކުގެ އިތުރުން ޒަމާނީ ފެންވަރުގެ ބިނާތަކާއި ގުޅިފައިވާ މުހިންމު މަސައްކަތެއްކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ. އަދި މި ތަސައްވުރުވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރާނެ ނިޒާމަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތަސައްވުރަކީ އަޅުގަނޑުމެން ބިނާކުރާ ކޮންމެ ތަނަކީ، ހަމަ އެކަނި ކުޅޭ ތަނަކަށް ހެދުމެއް ނޫން. އަޅުގަނޑުމެން މިބިނާކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރާނެ ވަރުގަދަ ނިޒާމެއް" ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރުގެ ތަރައްގީ އާއި ގުޅިފައިވާ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުން ކުޅިވަރު ގެންދަން ބޭނުންވާ މިސްރާބު ދައްކުވައިދޭ ޕްލޭނެއްކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި ޕްލޭނުގެ ދަށުން އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި އަލަށް ކުޅިވަރަށް ނުކުންނަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމުތަކާއި، މަތީ ފަންތީގެ ތަމްރީނުތަކާއި، އަދި ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި އެތުލީޓުންނަށް ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ކުޅިވަރުގެ ގައުމީ ދުރު ރާސްތާގެ ލަނޑުދަނޑިތަކާއި އެކު ބައްޓަންކުރެވިފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
"ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުން ކުޅިވަރަށް ގެންދަން ބޭނުންވާ މިސްރާބު ދައްކުވައިދޭ ޕްލޭނެއް، ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި އަލަށް ކުޅިވަރަށް ނުކުންނަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމުތަކާއި، މަތީ ފަންތީގެ ތަމްރީނުތަކާއި، އަދި ބައިނަލްއަގްވާމީ މައިދާނުގޒއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް މިހާރުވަނީ ގައުމީ ގުރު ރާސްތާގެ ލަނޑުދަނޑިތަކާއި އެކު ބައްޓަންކުރެވިފައި" ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރު ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން ޒަމާނީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުގެ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ދަނީ ކުރެވެވެމުންނެވެ. އޭގެ އިތުރުން ދަނޑުތަކާއި، ކޯޓުތަކުގެ އިތުރުން ޓްރެކްތައް ނިންމާ ވަނީ ހަވާލުކޮށްފައެވެ.