ޚަބަރު

"ދިވެހިންގެ ކޮންމެ ނަޞްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން"


  • ދިވެހީން ޤަބޫލުކުރަނީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމަށް

  • ދިވެހީންގެ އުޅުމާއި އާދަތަކާ އެންމެހާ މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓާކަން ފާހަގަކުރެއްވި

މިވޭތުވި 9 ޤަރުނުގައި ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ މާތްވެގެންވާ އިސްލާމްދީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ ދިވެހީންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު މިންވަރުކޮށްދެއްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދާއި ޝުކުރުދަންނަވާފައެވެ.

ރާއްޖެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ދެއްވާ އެދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ މި ދީންމަތީ ލިބިގެންދިޔަ ފާގަތިކަމާއި އުޖާލާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރަމުންދިޔައީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެންކަމަށެވެ. އަދި ދިވެހީންގެ އުޅުމާއި އާދަތަކާ އެންމެހާ މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެންކަމަށް ވިދާޅުވިއެވެ.


އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲގެ މަގުގައި ކެރިގެން ދިވެހީން ޖިހާދުކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިޖުރީގޮތުން މި ވޭތުވި 9 ޤަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި އަދި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީންކަމަށެވެ.

މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާތް ﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރިކްބާދީ ދިވެހި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާވަނީ އަރިސްކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވާ، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ދުޢާދަންނަވަމުންނެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބިޢުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ.