ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފް ކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް"ގެ ފުރަތަމަ ބުރުގެ ވޯޓުލުން މިރޭ ހަމަވާނެއެވެ.
ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފް ކުރި ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި، ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އެވޯޑުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ، މިރޭ 11:59އާ ހަމައަށެވެ.
މި އެވޯޑަށް 7 ކެޓަގަރީއަކުން 50 ރަށަކުން ކުރިމަތިލާފައިވެއެވެ. އެވޯޑަށް ވޯޓުލުމުގެ ފުރަތަމަ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން އެންމެ ގަދަ ފަސް ރަށް ހޮވުމަށް ހަމަޖެހިފައެވެ.
* އެންމެ ރީތި ގޮނޑުދޮށް
* އެންމެ އެކުވެރި މުޖުތަމަޢު
* ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
* ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
* ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް
* އެންމެ ހިތްގައިމު ރަށު މަންޒިލް
* އަހަރުގެ އެންމެ ޗާލު ރަށް
ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބި ކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަން ކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމަށް ތަޢާރަފް ކޮށްފައިވާ އެވޯޑެކެވެ. ރަށްރަށުގެ ކާމިޔާބީ ފާހަގަކޮށް، އެކަންކަން ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ މި އެވޯޑު ތަޢާރަފް ކުރުމުގެ މަޤްސަދެކެވެ.
މި އެވޯޑަށް ވޯޓު ލެވޭނީ، ޕީއެސްއެމް އެއަރ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.