ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހާސިލްކުރުންކަމަށެވެ. އަދި ކޮމިޝަނުންދޭ ލަފާ ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އޭސީސީއިން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވޯކްޝޮޕްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި، ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަނާއެކު ގުޅިގެން މަސައްކަތްކުރުމާއި، އެންޓި-ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރުކުރުމުގައި ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނޭކަން ފާހަގަކުރައްވާ އޭސީސީން ވިދާޅުވީ، ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖަރނަލްތައް ޝާއިޢުކުރުމުގައިވެސް ޤައުމީ ޔުނިވަރސިޓީން އެހީތެރިވެދޭނެކަމަށެވެ.
އޭސީސީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހިންގޭ ތަމްރީނުތަކާއި ކުރެވޭ ދިރާސާތަކުގެ ސަބަބުން، މުޖުތަމައުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށެވެ.