ފަލަސްޠީނުގެ ސަރަޙައްދުތަކަށް އެކުވެރި ދައުލަތްތައް (އދ)ން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ އެ މަޤާމުން ވަކިކުރުމަށް ވިލާތުގެ ބާރުތަކުން ގޮވައިލަމުންދާތީ އެ ކަން ކުށްވެރިކޮށް، 100ށްވުރެ ގިނަ މަޝްހޫރު ފަންނާނުން ސޮއިކޮށް އޭނާއަށް ތާއީދު އޮތް ކަން ހާމަކޮށްފިއެވެ. މި ކަން ހާމަކޮށް، ސިޓީއެއް ޝާއިޢު ކޮށްފައި ވަނީ 'އާޓިސްޓްސް ފޯ ޕަލަސްޓަޔިން' ކިޔާ ގުރޫޕަކުންނެވެ.
އެ ގުރޫޕުން ނެރުނު ހުޅުވައިލެވިފައިވާ ސިޓީގައި ބުނެފައި ވަނީ އަލްބެނޭޒޭއަކީ އިންސާނީ ޙައްޤުތަކާއި ފަލަސްޠީނުގެ ރައްޔިތުންގެ ދިރިހުރުމުގެ ޙައްޤު ދިފާޢުކުރައްވާ ބޭފުޅެއް ކަމަށާއި، އޭނާއަށް ފުރިހަމަ ތާއީދު އޮތް ކަމުގައެވެ. މި ސިޓީގައި ސޮއިކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ މާކް ރަފަލޯއާއި ހާވިއޭ ބަރްދެމް، ނޮބެލް އިނާމު ހާސިލު ކުރައްވާފައިވާ ލިޔުންތެރިޔާ އެނީ އެރްނޯ އަދި އިނގިރޭސިވިލާތުގެ މިޔުޒިޝަން އެނީ ލެނޮކްސް ހިމެނެއެވެ.
އަލްބެނޭޒޭއަށް ފާޑުކިޔުން އަމާޒުވެފައިވަނީ އަލްޖަޒީރާގެ ފޯރަމެއްގައި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އިންސާނިއްޔަތަށް އޮތް "ޢާންމު ދުޝްމަނަކީ" ޤަތުލުޢާންމުތަކާއި ނަސްލުހޭދު ކުރުމަށް މަގުފަހިކޮށްދޭ ނިޒާމު ކަމުގައެވެ. ނަމަވެސް، އޭނާ ދައްކަވާފައިވާ ވާހަކަފުޅުތައް އޮޅުވައިލައިގެން ފެތުރި ވީޑިއޯއެއްގައި، އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައި އެ ވަނީ ޔަހޫދީ އިސްރާއީލު ކަމުގައި ބުނެފައިވެއެވެ. ނަމަވެސް، އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އުފައްދާފައިވާ ވީޑިއޯއެއް ކަން ވަނީ ސާބިތުވެފައެވެ.
އެ ވީޑިއޯއާ ގުޅުވައި އަލްބެނޭޒޭގެ އިސްތިޢުފާއަށް ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ. ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ވަނީ އަލްބެނޭޒޭގެ ވާހަކަފުޅު ކުށްވެރި ކުރައްވާފައެވެ. އަދި، ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ވެސް ވަނީ އަލްބެނޭޒޭއަށް އޭނާގެ މަޤާމު ދެމެހެއްޓޭނެ ޖާގައެއް ނެތް ކަމުގައި ވިދާޅުވެފައެވެ.
މަޝްހޫރު ލިޔުންތެރިޔާ އަދި ފިލްމު ޕުރޮޑިއުސަރު ފްރޮންކް ބަރާ ވިދާޅުވީ، އަލްބެނޭޒޭއަށް އަމާޒުކޮށް ހުޅަނގުގެ ބާރުތަކުން ޙަމަލާދެމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ އޭނާ ދައްކަވާތީ ކަމުގައެވެ. އަދި، ހުޅަނގުގެ ސިޔާސީ އެޖެންޑާއަކީ ޔަހޫދީ އިސްރާއީލަށް ފާޑުކިޔާ ކޮންމެ އަޑެއް ކަނޑުވައިލުން ކަމުގައެވެ.
އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު މަރްތާ އުރްތާދޯ ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އދގެ މިނިވަން ތަޖުރިބާކާރުންނަށް އަމާޒުކޮށް ކުރިމަތިކުރުވަމުންދާ ޒާތީ ޙަމަލާތަކާއި ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން، ޙަޤީޤީ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކުން ސަމާލުކަން ގެއްލެމުންދާ ކަމަށެވެ.