ޚަބަރު

ވިލާތުގެ އިމިގްރޭޝަން ސިޔާސަތަށް ރޫބިޔޯގެ ފާޑުކިޔުން


މީގެކުރިން ގެންގުޅުނު ހަރުކަށިކަން ދޫކޮށްލައި، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަން އެމެރިކާއިން ބޭނުންވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގައި ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ރޫބިޔޯ ވިދާޅުވި ގޮތުގައި، ޔޫރަޕާއި އެމެރިކާ އޮންނަންޖެހޭނީ އެކުގައި ކަމަށާއި، ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާއަށް ވެސް މުޙިންމެވެ.

އެމެރިކާއިން އެކަނި ނުކުމެ، ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން ތައްޔާރަށް އޮތް ނަމަވެސް، ޔޫރަޕުގައި ތިބި "ރަހުމަތްތެރި" ޤައުމުތަކާ ގުޅިގެން އެކަން ކުރެވޭނެކަމަށް ޢުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ކޮންފަރަންސްގައި ވިލާތުގެ ޤައުމުތަކުގެ އިމިގްރޭޝަން އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމުގެ ސިޔާސަތުތަކަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، މި އަހަރު ރޫބިޔޯ ދެއްވި ތަޤުރީރު ވަރަށް މަޑުމައިތިރި ރާގަކަށް ބަދަލުކޮށްލާފައިވާކަން ފާހަގަވިއެވެ.

ނަމަވެސް، ރޫބިޔޯ ވެސް ވަނީ ވިލާތުގެ އިމިގްރޭޝަން ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޭރުގެ ޤައުމުތަކުން ހިޖުރަވެރިން އިތުރުވެ، މުޅި ހުޅަނގުގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް ވިދާޅުވެފައެވެ.

މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގެ އެޖެންޑާގައި އެންމެ ކުރީގައި އޮތީ އެމެރިކާއާއި ވިލާތުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ވާހަކައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ބައްދަލުވުމުގައި މި ކަމަށް އަލިއަޅުވައިލާފައިވާ މިންވަރުން، މަސްރަޙް ހޫނުވެފައިވާ މިންވަރު ސާފުވެގެން ގޮސްފައިވާ ކަމުގައެވެ. ވިލާތުގެ ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކަމުގައި އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.

މިގޮތުން، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ޤާބިލުކަން އިތުރުކޮށް، ފުޅާކުރުމަށް މި ކޮންފަރެންސްގެ ތެރެއިން ވިލާތުގެ ވެރިން ވަނީ ބާރުއަޅުއްވައިފައެވެ.