ސިވިލް ސަރވިސް މުވައްޒަފުންނަށް މަސައްކަތުގައި އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ގިނަ މަސައްކަތްތެރިން ޚިދުމަތް ކުރަމުންދަނީ، ސިވިލް ސަރވިސްގައެވެ.
ދައުލަތުގެ އެކި އިދާރާތަކުގައި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް 31000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެފަރާތްތަކުގެ މަސައްކަތުގެ މާހައުލަކީ، ރައްކާތެރި އަދި ލުއިފަސޭހަ ޚިދުމަތެއް ދެވޭނެ ފަދަ މާހައުލެއްކަން ކަށަވަރު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން މަސައްކަތް ކުރެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް ދިމާވާ ބައެއް ހާލަތްތަކުގެ ސަބަބުން އޮފީހަށް ސީދާ ގަޑިއަށް އައުމުގައި ތަކުލީފުތަކެއް ދިމާވަމުންދާ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް ދިމާވާ އެކި ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުމަކީ ގިނަ މުވައްޒަފުންގެ އެދުމެއްކަމަށް ވިދާޅުވިއެވެ.
"ސިވިލް ސަރވިސްގެ އިދާރާތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ޝައުޤުވެރި މާހައުލެއް އުފެއްދުމާއި، ހަރުދަނާ ގޮތެއްގައި މަސައްކަތުގެ މާހައުލު ބައްޓަން ކުރުމަށް ފުރުޞަތުތަކެއް ހޯދައިދިނުން. އެކި ހާލަތްތަކުގައި ދިމާވާ ދަތިތަކުގެ ސަބަބުން މުވައްޒަފުން ހާޒިރުވާ ގަޑިއަށް ލުއިތަކެއް ދިނުމަށް މިނިންމީ." ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، އެކި ޙާލަތްތަކާއި ގުޅިގެން މުވައްޒަފުން ގޭގައި ތިބެގެން އަދާކުރެވޭނެ ބައެއް މަސައްކަތް ހުރިނަމަވެސް އޮފީހަށް ހާޒިރުވާން ޖެހުމަކީ ތަކުލީފަކަށްވެ އެކަމުގެ ސަބަބުން އުފެއްދުންތެރި ކަމަށް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން މުވައްޒަފުންނަށް މެދުވެރިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު މި ލުއިތައް ދިނުމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި މިއަހަރުގެ ތެރޭގައި މިބަދަލު ގެނައުމަށް މަސައްކަތް ކުރަމުންއަންނައިރު، "ބަފަރ ޓައިމް"ގެ ގޮތުގައި ކަނޑައަޅާ ވަގުތު ހާމަކުރާނެކަމަށްވެސް ސީއެސްސީން ވިދާޅުވެއެވެ.
މިބަދަލުގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މަސައްކަތުގެ ގަޑީގެ ތެރެއިން ލުއިތަކެއް ދިނުމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށްވެސް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ސީއެސްސީން އަންނަނީ ކުރަމުންނެވެ.
މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނުންނަށް ވިހެއުމާއި ގުޅިގެން މިހާރު ދެމުންދާ ލުއިތަކުގެ އިތުރަށް ލުއި ދިނުމަށް ސަރުކާރުން އަންނަނީ، މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރު ވިހެއުމާއި ގުޅިގެން އަންހެނުންނަށް 6 މަސް ދުވަހުގެ މެޓަރނިޓީ ޗުއްޓީއެއް އަންނަނީ ދެމުންނެވެ. އަދި ތުއްތު ދަރިފުޅަށް 1 އަހަރު ފުރުމާ ހަމައަށް ވަޒީފާގެ ވަގުތު ތެރޭގައިވެސް ދަރިފުޅު ގާތު މަޑުކުރެވޭނެހެން ލުއިތަކެއް ވަނީ ދީފައެވެ. މިހާރު ސަރުކާރުން ދަނީ، ޤާނޫނަށް ބަދަލު ގެނެސް މިމުއްދަތު އިތުރުކޮށް، 1 އަހަރުގެ ބަދަލުގައި ދަރިފުޅަށް 2 އަހަރު ފުރުމާއި ހަމައަށް ލުއިދޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.