ޚަބަރު

އަތޮޅުތެރޭގެ 6 ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނިންމަނީ


  • ޖާގަ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް އެކި މަރުޙަލާގައި

  • މިއަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް ބޮޑު އިންސައްތައެއް

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ޞިއްޙީ ވުޒާރާއި ވިދާޅުވެއްޖެއެވެ. އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ.

ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ސަރަޙައްދަށް ބަރޯސާވާންޖެހި، ގިނަ ޚިދުމަތްތައް ހޯދުމަށް މާލެއަށް އަންނަންޖެހުމަކީ މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ތަކުލީފު ބޮޑު ކަމެކެވެ. މިކަމަށް ހައްލެއް ގެނައުމަށް އަތޮޅުތަކުގެ ރަށްރަށުގައި މިވަގުތު ހުރި ހޮސްޕިޓަލްތަކާއި އަދި ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ބޭނުންވާ ވަޞީލަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގެ 7 ސަރަޙައްދެއް އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެސަރަޙައްދުތަކުގައި ހުރި ސަރަޙައްދީ ހޮސްޕިޓަލުތައް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމްނިއުސްގެ ރިޔާސީ ބަޔާން ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް ވިދާޅުވީ މި 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ޢުމްރާނީގޮތުން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެކަމަށެވެ. އަދި މިހާރުވެސް ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް އެކި މަރުޙަލާގައި ކުރެވެމުންދާއިރު މިއަހަރުގެ ތެރޭގައިވެސް ބައެއް ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ.

"މިވަގުތުވެސް އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވަނީ. އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ." ޝަރީފް ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު، ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ނިމިގެންދާނެކަމަށެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު ޢުމްރާނީގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި ތަރައްޤީކޮށްފައިވަނީ ދުރުރާސްތާ ޕްލޭނެއް ނެތި، އެދުވަސްވަރެއްގައި ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރުކުރުމުގެ ވިސްނުމެއްގައެވެ. އެއީ ދެމެހެއްޓެނިވި ގޮތެއް ނޫންކަމުން މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ސިއްޙީ ޚިދުމަތް ފުޅާކޮށް، ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޖާގައެވެ. އެހެންކަމުން ރަށްރަށުގައާއި މާލެ ސަރަޙައްދުގައިވެސް އިތުރު ހޮސްޕިޓަލްތަކާއި ޖީޕީ ކްލިނިކްތައް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ދައުލަތުން މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވެސް ސިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.