ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފިއެވެ. "ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026"ގެ ނަމުގައި ބާއްވާ މި އެވޯޑު ޙަފްލާ ބޭއްވީ ކުރުނބާ މޯލްޑިވްސްގައެވެ.
"ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026"ގައި 40އެއްހާ ޤައުމަކުން، ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކުން ބައިވެރިވިއެވެ. އަދި ރާއްޖޭގެ މިދާއިރާގައި މަސައްކަތްކުރާ 14 ފަރާތަކުން މި އެވޯޑަށް ވެސް ވާދަކޮށްފައިވެއެވެ.
"ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026" ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވަނީ، މިފަދަ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ފަންނުވެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ބޮޑު ބާރެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ކުދި ވިޔަފާރިތައް ބައިނަލްއަޤްވާމީ ވިއުގަތަކާއި ގުޅުވައިދޭނެކަމަށް ވިދާޅުވިއެވެ.
އަދި މި ދާއިރާއަކީ، ދުނިޔޭގެ އުފެއްދުންތެރި އިޤްތިސާދުގެ މުހިންމު ބައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކާބޯތަކެތި ތައްޔާރުކުރުމުގެ ފަންނަކީ އިޤްތިސާދީ ކުރިއެރުމާއި، އަމިއްލަ މަސައްކަތްތެރިކަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ މަސައްކަތެއްގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ބަލައިގަންނަމުންދާކަމަށެވެ. ރާއްޖޭގައި މި ދާއިރާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ފުރުސަތުތަކެއް އޮތް ދާއިރާއެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިފަހަރުގެ މިއެވޯޑަށް ކުރިމަތިލި ޤައުމުތަކުގެ ތެރޭގައި، އަލްޖީރިއާ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ބްރެޒިލް، ކެނެޑާ، ޗިލީ، މިސްރު، ފްރާންސް، ހަންގޭރި، އިންޑިއާ، އިރާން، އިރާޤް، އަޔަރލޭންޑް، ޖަޕާން، އުރުދުން، މެލޭޝިއާ، ރާއްޖެ، މެކްސިކޯ، ނެދަލޭންޑްސް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕިންސް، ޕޮލޭންޑް، ރަޝިޔާ، ސަޢުދި ޢަރަބިއްޔާ، ސައުތު ކޮރެއާ، ސްރީލަންކާ، ސީރިއާ، ތައިލޭންޑް، ޓިއުނޭޝިޔާ، ތުރުކީ، އިނގިރޭސިވިލާތް، ބެލްޖިއަމް އަދި ސައުތު އެފްރިކާ ހިމެނެއެވެ.
"ވޯލްޑް ކޭކް އާޓިސްޓްރީ އެވޯޑްސް 2026" އެވޯޑަކީ ވިސިޓް މޯލްޑިވްސްއިން އެންޑޯޒް ކޮށްފައިވާ އެވޯޑެކެވެ.