ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ކުރިއަށްގެންދާ "އެއްގެއިން އަނެއް ގެއަށް" ކެމްޕެއިނަށް މިއަހަރުވެސް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
"އެއްގެއިން އަނެއް ގެއަށް" ކެމްޕެއިނަކީ، ރަމަޟާންމަހަށް ގޭބިސީތަކުން ތަކެތި އާކުރުމުގެ ތެރެއިން، އެގޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުވުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާ ކުރުމަކީ، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުން ކުރެވޭނެ ތަކެތި ހިމެނެއެވެ.
ރަމަޟާންމަހާ ދިމާކޮށް އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "އެއްގެއިން އަނެއް ގެއަށް" ކެމްޕެއިން މިއަހަރުވެސް އެޗްޑީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މި ޕްރޮގްރާމުގެ ތެރެއިން ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިއަހަރުގެ މި ޕްރޮގްރާމް ބޮޑަށް އަމާޒުކޮށްފައިވަނީ، ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި، ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ތެރެއިން، ގޭގެއިން ތަކެތި ނެގުމަށްފަހު އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމް އެޗްޑީސީން ހަމަޖައްސައިދެއެވެ. އަދި ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ އެތަކެތި ދޫކުރާނީ، ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު އެފަރާތްތަކަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ، "އެއްގެއިން އަނެއް ގެއަށް" ކެމްޕެއިންގެ މަޤުޞަދަކީ، އެކަކު އަނެކަކަށް ތަކެތި ހަދިޔާ ކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ޙައްލު ކުރުމާއެކު، ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރުއަޅާ، އިސްރާފް މަދުކުރުމަށް ކުރިޔަށްގެންދާ ކެމްޕޭނެއް ކަމަށެވެ.
އެއްވެސް ފަރާތަކުން މި ޕްރޮގްރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.