ރާއްޖޭގެ މުޅި ސިއްޙީ ނިޒާމަށް ބަލާއިރުވެސް، ޒަމާނުއްސުރެ އެންމެ ބޮޑަށް އަޅަނުލެވި ދޫކޮށް ލެވިފައިވާ އެއް ދާއިރާއަކީ، ނަފްސާނީ ސިއްޙަތުގެ ދާއިރާއެވެ. ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށް ޚިދުމަތްދޭން ފެށިތާވެސް ގިނަ އަހަރުތަކެއް ނުވެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަރުކާރުގެ ސަމާލުކަން ބޭނުންވެފައިވާ ދާއިރާއެކެވެ.
"ނަފްސާނީ ބަލީގެ ދާއިރާއަކީވެސް ރާއްޖޭގައި ވަރަށް ބޮޑަށް އަޅައިލުން ބޭނުންވެފައި އޮތް ވަރަށް މުހިންމު ދާއިރާއެއް." ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ނަފްސާނީ ބަލީގެ މައްސަލައަށް ޙައްލު ގެނައުމަށް މަސައްކަތްކުރާތަން ފެނިގެންދިޔުމަކީ މިކަމުގައި ބަދަލެއް ރާއްޖެއަށް އަންނަމުންދާކަން ދައްކުވައިދޭކަމެކެވެ. ނަފްސާނީ ސިއްޙަތުގެ ދާއިރާ ހަރުދަނާކުރުމަށް އެންމެ މުހިއްމުކަމަކީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމެވެ. އެކަން ކަށަވަރުކުރުމަށް ޤާނޫނީގޮތުން ކުރެވޭ މަސައްކަތްތަކާއި، ޚިދުމަތުގެ އޮނިގަނޑު އެކުލަވާލާ ފަރުވާއަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރަން ޖެހެއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މިދާއިރާ ހަރުދަނާކުރުމަށް، ނަފްސާނީ ސިއްޙަތުގެ ބިލް މިހާރުވަނީ ޑްރާފްޓްކޮށްފައެވެ. މިބިލްގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ކަށަވަރުކޮށް އެފަރާތްތަކަށް ދެވޭ ފަރުވާގެ ފެންވަރު ޤާނޫނީ ނިޒާމުގެ ތެރެއިން ކަށަވަރުކުރެވިގެންދާނެއެވެ.
މީގެއިތުރުންވެސް ރާއްޖޭގައި އެކުލަވާލެވިފައިވާ "ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީ"އާއި ސެންޓްރަލް އެންޑް ރީޖަނަލް މެންޓލް ހެލްތު ޕްލޭން މުރާޖާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމާށް އެވުޒާރާއިން ވިދާޅުވިއެވެ. ހަމައެއާއެކު "ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ"އެއް ޤާއިމުކޮށްފައިވާއިރު "ޑިމެންޝިއާ" އަށް ޚާއްސަ ސްޓްރެޓެޖީއެއް އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އާންމުންނަށް ވީހާވެސް ބޮޑަށް ޚިދުމަތް ފަސޭހަކުރުމަށް ސަރުކާރުންވަނީ މެންޓަލް ހެލްތު ހެލްޕްލައިނެއް ޤާއިމުކޮށްފައެވެ. ސަރުކާރުން ހާމަކުރައްވާފައިވާގޮތުގައި އަހަރެއްގެ ތެރޭގައި 13000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތްވަނީ ފޯރުކޮށްދީފައެވެ. އަދި މިނިޒާމުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ޚާއްސަ އެހީތެރިން ބިނާކުރުމަށާއި، ސަޕޯޓް ގްރޫޕްތައް އެކުލަވާލުމަށާއި ނަފްސާނީ ބަލީގެ ޚާއްސަ ކްލިނިކްތަކެއް ޤާއިމުކުރުމަށް ރައީސް އޮފީހާއި ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ރާއްޖޭގައި މިހާރު ތަޢާރަފްކޮށްފައިވާ ޓެލެމެޑިސިންގެ ކޮންސެޕްޓްގެ ތެރެއިން ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އެފަރުވާ ފޯރުކޮށްދިނުމަށް ޓެލެމެންޓަލް ހެލްތުގެ ޚިދުމަތް ފެށުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ވަރަށް ގިނަ ޚިދުމަތްތަކެއްގެ ވާހަކަދެކެވޭއިރު މިޚިދުމަތްތައް ފޯރުކޮށްދެވެނީ ރަނގަޅު ޕާތްވޭއެއްގަކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިހާރު މިދަނީ، މެންޓަލް ހެލްތު ރިފަރަލް ނޭޝަނަލް ޕާތްވޭއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން." ފާތުމަތު ލީނާ، ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
ނަފްސާނީ ފަރުވާގެ ދާއިރާ ފުރިހަމަކުރުމަށް ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ކަށަވަރުކުރުމަކީވެސް މުހިއްމުކަމެކެވެ. އެގޮތުން ޚިދުމަތްތެރިން ތަމްރީނުކޮށް، އިތުރު ޚިދުމަތްތެރިން ބިނާކުރުމަކީވެސް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކެއްކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި ނަފްސާނީ މީހުންގެ ފަރުވާ މަރުކަޒީ ފެންވަރުގައި ދެމުންދަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ. ގިނަ އަހަރުތަކެއް ވަންދެން އަޅާނުލެވުމުގެ ސަބަބުން މަރުކަޒު ވީރާނާވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެހެންކަމުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމަރުކަޒަށް ބޭނުންވާ ވަޞީލަތް ހަމަކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި މިހާރުދަނީ ގުރައިދޫ މަރުކަޒަށް ބޭނުންވާ ޖާގަ ފަހިކުރުމަށް މަރުކަޒު ހުރި ބިމުގައި އިތުރު 2 ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ވަށާޖެހޭ ގޮތެއްގައި ނަފްސާނީ ސިއްޙަތުގެ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާކަމެއް އާސަންދައިން ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ. ނަފްސާނީ ބަލީގެ ފަރުވާއަކީ ޚަރަދު ބޮޑު ކަމަކަށްވުމުން، މިއީ އެތައް ބަޔަކު ގިނަ ޒަމާންތަކެއްވަންދެން އެދެމުންދިޔަ ކަމެކެވެ.
މިދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މުޅި ރާއްޖެއިން ފެނިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ އޭގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެ އިޤްތިޞާދީގޮތުންވެސް ކުރިއެރުން އަންނަކަމެކެވެ.