އާންމުން ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއި ކުރާނީ އެ ޕެޓިޝަނެއްގައި ސޮއިކުރަން މަޖިލީހުން އާންމުކޮށް ހުޅުވާލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
މަޖިލީހުން މިހެން ވިދާޅުވީ އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް އެ އިދާރާއިން ތައާރަފުކުރި، އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕެޓިޝަންތަކުގެ ޝަރުތުހަމަވާކަމަށް ކަނޑަނާޅަނީސް އާންމުންގެ ސޮއި ހޯދަމުންދާތީއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމަށް ބޭނުންވާނީ 5 މީހުންގެ ސޮއި ކަމަށެވެ. އެ ސޮއި ހަމަވުމުން ޕޯޓަލްގައި އެ ޕެޓިޝަނެއް އާންމުކުރަން ބޭނުންވާނަމަ އެކަމަށް އެދި ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސާފައިވާ މުވައްޒަފުން އެ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވޭތޯ ބެލުމަށްފަހު ޝަރުތު ފުރިހަމަވާނަ އާންމުކޮށް ސޮއި ކުރުމަށް ހުޅުވާލާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޕެޓިޝަންގައި އާންމުކޮށް ސޮއިކުރުން ފެށޭނީ އެ ޕެޓިޝަނެއްގެ ޝަރުތު ފުރިހަމަވާކަން ކޮމިޓީން ނިންމައި އާންމުކުރުމުން ކަމަށެވެ. ނަމަވެސް ޕެޓިޝަނެއް ހުށަހެޅުމަށްފަހު އެ ޕެޓިޝަން އާންމު ނުކުރަނީސް ޕެޓިޝަން ހުށަހަޅާ ފަރާތުން ސޮއި ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށް މަޖިލީހުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަންގައި ޢާންމުކޮށް ސޮއިކުރުމަށް ހުޅުވާނުލާހާހިނދަކު އެ ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ނިންމާފައިވާ ޕެޓިޝަނެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެ ޙާލަތުގައި އެ ޕެޓިޝަނަކީ ޕެޓިޝަން ހުށަހަޅާ ފަރާތުގެ އަމިއްލަ ޕެޓިޝަނެއް ކަމަށްވެސް ވިދާޅުވިއެވެ.
އެއްވެސް ޕެޓިޝަނެއްގައި ޢާންމުކޮށް ސޮއިކުރުމުގެ ކުރިން އެ ޕެޓިޝަނަކީ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލްގައި ޝާއިޢުކޮށްފައިވާ ޕެޓިޝަންތަކުގެ ތެރެއިން "ސޮއި ހޯދަމުންދާ ޕެޓިޝަން"އެއްކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އީ-ޕެޓިޝަން ޕޯޓަލަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް ތައާރަފުކުރި ޕޯޓަލެކެވެ. މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާގޮތުގެ އަދާހަމަ މަޢުލޫމާތު ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.
މި ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެއެވެ. އަދި، ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ވަނީ ތަޢާރަފުކުރެވިފައެވެ.