ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަަމަށް ގޮވާލެއްވީ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ސައިންސްގެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ސައިންސްގެ ދާއިރާއަކީ ވަކި ބަޔަކަށް ޚާއްޞަ ދާއިރާއެއް ކަމަށް ދެކޭ ދެކުންތަކުގެ ސަބަބުން، ގޭތެރެއާއި ކްލާސްރޫމްތަކުގައި އަދި މަސައްކަތުގެ މާޙައުލުގައި އަންހެން ކުދިންނަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި، އެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކަންކަން ފާހަގަކުރަމުންދާއިރު، މި ދުވަހަކީ ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުވަފެން ދެކޭ އަންހެން ކުދިންނާއި، އެކުދިންނަށް ހިތްވަރު ދޭ ބެލެނިވެރިންނާއި މުދައްރިސުންގެ މަސައްކަތް ފާހަގަކުރުމަށް ޚާއްޞަ ދުވަހެއްކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާގައި ޕޯސްޓުގައި އަންހެން ކުދިންގެ ހުނަރާއި ޤާބިލުކަން ފުރިހަމައަށް ބޭނުން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، އެކުދިންނަށް ލިބޭ ހިތްވަރާއި ފުރުޞަތުތައް މަދުވުން ކަމަށް ވިދާޅުވިއެވެ. އަދި މި ހުރަސްތައް ގިނަ ފަހަރަށް ކުރިމަތިވަނީ، ކުދިންގެ އުމުރުގެ ކުރީކޮޅުގައި ކަމާއި މިއީ، ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ސީރިއަސް ގޮންޖެހުމެއް ކަމަށާއި، މިއީ އެންމެން ގުޅިގެން ޙައްލުކުރަންޖެހޭ މައްސަލައެއްކަންވެސް ފާހަގަކުރެއްވިއެވެ.
"ދިރާސާތަކުން ދައްކާގޮތުގައި ސައިންސާއި، ހިސާބު ފަދަ މާއްދާތަކުން އަންހެން ކުދިންނަކީ ފިރިހެން ކުދިންނާ އެއްވަރަށް ނުވަތަ އެއަށްވުރެ މޮޅަށްވެސް ނަތީޖާ ހޯދާ ކުދިން،"
އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވަނީ ވަކި އަމާޒެއްގެ ދަށުން މަސައްކަތްކޮށް، އަންހެން ކުދިންނަށް އޮތް ފުރުޞަތުތައް އިތުރުކުރުމަށް ޢިލްތިމާސް ކުރައްވާފައެވެ.