ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެ ރައްޔިތުންނަށް ހެޔޮއެދުން އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްވަނީ ފުރުސަތު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވި ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.