އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ޖެހޭ ގޮތްނުވެފަ އެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ވެސްޓް ހޭމް އިންނެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ވެސްޓް ހޭމް އިން ލަނޑު ޖަހާ ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް މެންޗެސްޓަރ ޔުނައިޓެޑްގެ ކަސެމީރޯ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ޔުނައިޓެޑް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ވެންޖަމިން ސެސްކޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޔުނައިޓެޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވަނީ މޮޅުވެފަ އެވެ.
މި ނަތީޖާ އާއިއެކު ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ރެލިގޭޝަންގެ ޒޯނުގައި އޮތް ވެސްޓް ހޭމް އަށް ލިބިފައިވާ 24 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.