ޚަބަރު

ސީޕީއައި އަކީ ކޮރަޕްޝަންއޮތް މިންވަރު ބަލާ ދިރާސާއެއް ނޫން: އޭސީސީ


  • 2025ވަނަ އަހަރު ރާއްޖޭގެ ސްކޯރ ކަނޑައަޅަން ބޭނުންކުރީ 3 ދިރާސާއެއް

  • އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށްކަން ފާހަގަކުރި

ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް، ސީޕީއައި އަކީ "ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު" ބަލާ އެންމެ އާންމު މިންގަނޑުކަމަށާއި، އެ ދިރާސާއަކީ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީން ވިދާޅުވެއްޖެއެވެ.

އޭސީސީން ވިދާޅުވީ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެންކަމަށެވެ. އަދި އެއީ ދެކޭ ގޮތް ނުވަތަ ޕަރސެޕްޝަންގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށްކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އެގޮތުން 2025ވަނަ އަހަރު ރާއްޖޭގެ ސްކޯރ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކުރެވިފައިވަނީ، ހަމައެކަނި 3 މަސްދަރުކަން އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ.

އެ ތިން މަސްދަރަކީ:

ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް
ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް
ވެރައިޓީސް އޮފް ޑިމޮކްރަސީ

މި 3 ދިރާސާއަކީ އެ ދިރާސާތަކުގައި ކޮރަޕްޝަން ދިވެހިރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫންކަމަށާއި، ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ސްކޯރ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއްކަން އެކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެހެންކަމުން 2025ވަނަ އަހަރު ރާއްޖޭގެ ސްކޯރ އާއި ރޭންކަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށް މިކަން ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، އެކޮމިޝަނުން ދެކެވެޑައިގަންނަވާ ކަމަށް އޭސީސީގެ ބަޔާނުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް، "ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް" އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް އޭސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ދިވެހިރާއްޖޭގެ ދިގުރާސްތާ ޤައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، "ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އ.ދގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީއިން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ "މެޝަރިންގ އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް"ގެ ފަންނީ މަސައްކަތުގައި އެކޮމިޝަނުން އެހެން ޤައުމުތަކާއެކު މަސައްކަތް ކުރަމުންދާކަން އޭސީސީން ވަނީ ވިދާޅުވެފައެވެ.