ޚަބަރު

ބާލިން މެރަތަންގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި


  • ފުލް މެރަތަން އޮންނާނީ 27 ސެޕްޓެމްބަރުގައި

  • ހާފް މެރަތަން އޮންނާނީ މާރިޗު 29ގައި

  • އެންޓްރީ ފީއަކީ 385 އެމެރިކާ ޑޮލަރު

ޖަރުމަނުގައި ބާއްވާ ބާލިން މެރަތަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން އެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭއޭއެމުން ބުނީ، މި މުބާރާތުގައި އެ އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ.

ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެ އެސޯސިއޭޝަނުން އާންމުކޮށްފައިވާ އޮންލައިން ފޯމު ފުރުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

މި މެރަތަންގައި އަމިއްލަ ފަރުދެއްގެ ގޮތުގައި ވެސް އަދި ކުލަބަކުން ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.

މެރަތަންގައި ބައިވެރިވުމަށް، އެންޓްރީ ފީއެއްގެ ގޮތުގައި 385 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކަށް ހުޅުވައިލައިގެން ކޮންމެ އަހަރަކު ޖަރުމަންގެ ބާލިންގައި ބާއްވާ، މި ދުވަމަކީ ވަރަށް ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ދުވުމެކެވެ.

މި މެރަތަން އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މި މެރަތަން އަކީ 42.195 ކިލޯ މީޓަރުގެ ރާސްތާއެއް، ހަ ގަޑިއިރާއި 15 މިނެޓުގެ ތެރޭގައި ނިންމަންޖެހޭ މެރަތަން އެކެވެ. މި މެރަތަންގައި ރާއްޖޭގެ ދުވުންތެރިން އެކިފަހަރުމަތިން މީގެކުރިން ވެސް ބައިވެރިވެފައިވެއެވެ.

އަދި މެރަތަންގެ ޤައުމީ ރެކޯޑުތައް ވެސް މި މެރަތަންގެ ތެރެއިން ގާއިމްކޮށްފައިވެއެވެ.