ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލުން
ސެންޓަރ ފޯ ހައަ ސެކަންޑްރީ ( ސީއެޗްއެސްއީ މާލެ) ޖާގަ ހޯދައިފިއެވެ. 7-1 ލަނޑުގެ ތާފާތު ބޮޑު ނަތީޖާއަކުން ސީޗެއެސްއީ ހުޅުމާލެ މައްޗަށް މާލެ ޓީމުން ވަނީ ކުރި ހޯދާފައެވެ.
މި ނަތިޖާ އެކު ސީއެޗްއެސްއީ މާލެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުވެ. މިހާތަނަށް މުބާރާތުގައި ސީއެޗްއެސްއީ ހުޅުމާލެއަށް ޕޮއިންޓެއް ލިބިފަނުވާއިރު ބައިކޮޅަށް 13 ލަނޑު ވަދެ އެޓީމަށް ޖެހިފަވަނީ އެންމެ ލަނޑެކެވެ. ކުޅުނު ދެމެޗުން ވެސް ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ކޮންޓްރޯލް ކޮއްގެން މުޅިހެން ކުޅެފަވަނީ ސީއެޗްއެސްއީ މާލެ ޓީމުންނެވެ. ސީއެޗްއެސްއީ މާލެ ޓީމުން ލީޑު ނެގީ ހާފްގެ މެދެއްހާ ހިސާބުގައި ހުރެ ނާޝިއު އަހުމަދު ޝިހާމް ފޮނުވާލި ބޯޅަ ގޯލަށް ވަދެގެންނެވެ.
ސީއެޗްއެސްއީ މާލެ ޓީމުން ދެވަނަ ލަނޑުޖެހީ 14 ވަނަ މިނިޓުގައި އަހުމަދު މިކިއާލް މުއީން ދިން ބޯޅައަކުން މުހައްމަދު އާޔަން ޝާޒްއެވެ. މާލެ ޓީމުން އެޓީމުގެ ތިންވަނަ ލަނޑުޖެހީ ލިބުނު ކޯނަރެއްގައި އިސްމާއިލް ޝާމިލް ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ މެޗުގެ 34 ވަނަ މިނިޓުގައެވެ.
މެޗުގެ 57 ވަނަ މނިޓުގައި މިކިއާލް އަށް އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދަލައިގެން މާލެ ޓީމުން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ފަސްވަނަ ލަނޑަކީ މާލެ ޓީމަށް ލިބުނު ކޯނަރެއްގައި އޭރިއާބޭރުން މިކިއާލް ފޮނުވާލި ބޯޅަ ކީޕަރު ބޯމަތިން ގޮސް ވަތް ހިތްގައިމު ލަނޑެކެވެ. މިއީ 62 ވަނަ މިނިޓުގައި މިކިއާލް ކާމިޔާބު ކުރި ލަނޑެކެވެ.
މާލެ ޓީމުގެ ހަވަނަ ލަނޑަކީވެސް ކޯނަރަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ފަހަރު ލަނޑު މުހައްމަދު ސިއަމް އިބްރާހިމް ފާއިޒް ގޯލަށް ވައްދާލީ 67 މިނިޓުގައި އޭރިއޭތެރއިން ގޯލާ ކައިރިން ބޮލުން ފޮނުވާލައިގެންނެވެ.
މާލެ ޓީމުގެ ހަތްވަނަ ލަނޑުޖެހީ މެޗުގެ 76 ވަނަ މިނިޓުގައި އާޔަން އަށް އޭރިއާ ތެރެއިންމ ލިބުނު ބޯޅައެއްގައި ގޯލަށް ވައްދައިލައިގެންނެވެ. މެޗުގެ ހުޅުމާލެ ސީއެޗްއެސްއީ ޓީމުން ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 85 ވަނަ މިނިޓުގައި އަހުމަދު އާއިޝް އެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ ބުރާސްފަތި ދުވަހުއެވެ.