ޚަބަރު

ޔަހޫދީންގެ ރައީސްގެ ދަތުރާ ދެކޮޅަށް އޮސްޓްރޭލިއާގައި ވަރުގަދަ އިހުތިޖާޖުތަކެއް


ޔަހޫދީންގެ ނިރުބަވެރު ދައުލަތުގެ ރައީސް، އައިޒެކް ހަރޒޮގް އޮސްޓްރޭލިއާ ކުރާ ދަތުރާ ގުޅިގެން، އެކަމާ ދެކޮޅަށް އޮސްޓްރޭލިއާގައި އެތައް ހާސް ބަޔަކު ނުކުމެ އިހުތިޖާޖުކުރަން ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސްގެ ދަޢުވަތަކަށް ހަރޒޮގް އޮސްޓްރޭލިއާ އައީ، ބޮންޑައި ބީޗުގައި ދިން ޙަމަލާއެއްގައި ޔަހޫދީންތަކެއް މަރައިލުމުގެ ހިތާމަފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީންގެ ނިކަމެތި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ވަނީ ހަރޒޮގްގެ ދަތުރާ ދެކޮޅަށް އަޑުއުފުލުމަށް އިހްތިޖާޖުތައް ރާވައިފައެވެ.

އެ މީހުން ޤަބޫލުކުރާ ގޮތުގައި، ހަރޒޮގްއަކީ ފަލަސްޠީންގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ބައިވެރިއެކެވެ.

އަދި މިއީ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަކުރުމުގެ ޢަމަލުތަކަށް އޮސްޓްރޭލިއާގެ ސަރުކާރުން ވާގިވެރިވުމުގެ ޢަމަލެއްގެ ގޮތުގައި ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ސިފަކޮށްފައެވެ.

އިހުތިޖާޖުތައް ކުރަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފައެވެ.

ބައެއް ހިސާބުތަކުގައި އިހުތިޖާޖުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ.

އަދި އެ ކުރިމަތިލުންތަކާ ގުޅިގެން އިހުތިޖާޖު ކުރި މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކުރި ކަމަށް ވެސް ބުނެފައިވެއެވެ.