މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިލައްވައިފިއެވެ.
ބާޒާރުމަތީ ސަރަޙައްދަކީ މަސްމާރު ކޭޓު، ލޯކަލް މާރުކޭޓް، އަދި ދަތުރުވެރިންގެ މާރުކޭޓް ހުންނަ ސަރަޙައްދުގެ އިތުރުން އަތޮޅުތަކަށް މުދާގެންދާ ބޯޓުފަހަރުވެސް ކައިރިކޮށް މުދާ ބާލާ އަރުވާ ހަދާ މައި ސަރަޙައްދެވެ. މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެމްޓީސީސީއާ ހަވާލުކޮށް، މާލޭގެ ލޯކަލް މާރުކާރު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާއި ހަމައަށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ބައްލަވައިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ސަރުކާރުގެ އިސްބޭފުޅުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގަތުމުން، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން އެމަނިކުފާނަށް ވަނީ ހިއްސާކުރައްވާފައެވެ.
މިމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފޭސް 2 ގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފައިވާއިރު ހެންވޭރުގެ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މާރުކޭޓު ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެކަމަށެވެ. މަގު ތަރައްޤީކުރާނީ ދެކޮޅަށް ދުއްވޭ ސަރަޙައްދެއްގެ ގޮތުގައެވެ.
"ބޭރުގެ އެހީގެ ޕްރޮޖެކްޓްތަކުގައި ނުހިމެނޭ މަގުތައް ސަރުކާރުން އެވަނީ ފަށާފައި. މާލޭގެ ބާޒާރު ސަރަޙައްދު ވަރަށް ތޮއްޖެގޭ. އެ ސަރަޙައްދުގެ މަގުތައް ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަގޮތަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގާ. މިބަލަނީ ރޯގައިގެ ކުރިން ބަޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަޙައްދު ނިންމާލަން. އެއީ އެމްޕީއެލް ސަރަޙައްދުން ފަށައިގެން އިއްޒުއްދީނު ފާލަމާ ހަމައަށް." ރައީސް ވިދާޅުވިއެވެ.
މިހާރު މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، 'އޭ.ބީ.ސީ' ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މަގުބައްތި ޖެހުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ހަފުތާތެރޭ ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެމްޓީސީސީން ވިދާޅުވީ ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.