އަލަށް އުފެދޭ ޕަބްލިކް ވޯކްސް ޔުނިޓްތަކާއެކު 500 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ 15 އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.
ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މުނިސިޕަލް އެކި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް އާންމުކޮށް މަސައްކަތް ކުރާނީ ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ކަންކަމަށް މަގުފަހި ކުރުމަށެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ ޢުމްރާނީ ވަސީލަތްތައް ރަނގަޅުގޮތުގައި ބަލަހައްޓައި މަރާމާތު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. މިކަމަށް މަގުފަހި ކުރުމަށް މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރު މެދުތެރޭ މިޔުނިޓްތައް ޤާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރިޔާސީ ބަޔާން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުމުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އުޅަނދުތައް އެޕްރީލް މަހުގެ ތެރޭ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަންކަމަށް ބޭނުންވާ ވަސީލަތްތައް ހަމަ ކުރެއްވުމުމުގެ މަސައްކަތް ރައީސް އެ ވިދާޅުވީ ކުރައްވާ ވާހަކަ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނީ ރައީސް ވިދާޅުވީ މިއަހަރު މެދުތެރެއާއި ހިސާބަށް އެކަން ކުރެވޭނެ ކަމަށް. އެހެނަސް ރައީސް މަސައްކަތް ކުރައްވާ ސްޕީޑަށް ބަލާއިރު އެޕްރީލް ނުވަތަ މޭއި ހިސާބަށް ދާންވާއިރަށް ތަކެތިވެސް ލިބޭނެ ކަމަށް އަދި އެހިސާބަށް އަންނަންވާއިރަށް އެތަނަށް ބޭނުންވާ މީހުންވެސް ނަގާނަން." ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަލަށް ޤާއިމް ކުރެވޭ ޔުނިޓްތަކަށް 500 އެއްހާ މުވައްޒަފުން ނަގާނެ ކަމަށެވެ. އޭގެ ތެރޭގައި، ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މުވައްޒަފުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މި ގެނެވޭ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތަކީވެސް އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރުވަނީ މިޔުނިޓްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ޚިދުމަތް ދެވެން ފެށުމުން ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޔުނިޓްތައް ޤާއިމް ކުރުމާއެކު، ޔުނިޓްތަކުން ރަށްރަށުގައި ޢުމްރާނީ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތައް ބެލެހެއްޓުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި އެނޫންވެސް ރަށްރަށަށް ބޭނުންވާ އެކި ޚިދުމަތްތައް ދެވޭނެ ކަމަށް އެމަނިކުފާނުވަނީ ވިދާޅުވިއެވެ.