ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބްގެ މަސައްކަތް ނިންމާ މިއަހަރުގެ ނޮވެންބަރުގައި ހުޅުވަން ނިންމައިފިއެވެ.
ކްރިއޭޓަރ ހަބަކީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބީސީސީން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކްރިއޭޓަރ ހަބްއަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލިއަޅުއްވައްލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބީސީސީއިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބްގެ އިމާރާތަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްގީ ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
މި އިމާރާތުގައި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ހާއްސަ މަސައްކަތު ޖާގަތަކެއްގެ ގާއިމު ކުރެވިގެންދާނެކަމަށާއި މީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވޭ ހާއްސަ މަރުކަޒަށް މި ތަން ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ދިވެހި އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީސީސީއިން ދެމުންދާ ކޮންސަލްޓަންސީގެ ހިދުމަތްތަކާއި ވިޔަފާރީގެ މަސައްކަތު ޖާގަތަކާއި އަދި އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް ގާއިމު ކުރެވިގެންދާނީ މި އިމާރާތުގައިކަމަށް ރައީސް ވިދާޅުވިއެވެ.
"މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ މިއަހަރު ނޮވެމްބަރު މަހުގެ 11 ގައި ހުޅުވާނަން" ރައީސް ވިދާޅުވިއެވެ.
11 ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި، ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށްކަމަށް ބީސީސީން ހާމަކުރެއެވެ. "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ މި ސިނާއަތުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީގެ ތެރޭގައި ކްރިއޭޓަރ ހަބް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރާ މި ހަބް އިމާރާތްކުރަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ.