ރަމަޟާން މަހާއި ދިމާކޮށް ރޯދަ ސާފުގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއާއި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޞާންމަހަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެ ވުޒާރާއިން ވިދާޅުވީ މި ހަރަކާތަކީ ސަރުކާރުގެ އެކި މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.
މާލެ ސަރަހައްދުގައި މިހަރަކާތް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު މި ހަރަކާތުގައި މާލޭގެ 5 ސަރަހައްދެއްވަނީ ސާފުކޮށްފައެވެ.
މި ހަރަކާތުގައި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި އެކި އިދާރާތައް އަދި ވުޒާރާތައް ހިމޭނޭގޮތައް 22 އިދާރާއަކުން ވަނީ ބައިވެރިވެފައެވެ.
ޒަމާނުންސުރެއް ދިވެހިންގެ ތެރޭގައި ރަމަޞާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭއާއި އެބަޔަކު އުޅޭ މާހައުލު ސާފު ތާހިރުކުރުމަކީ އަބަދުވެސް ކުރަމުން އަންނަކަމެވެ. އެގޮތުން މި ކަމަކީވެސް ދިވެހިންގެ އެ ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެއްކަން ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއި ވިދާޅުވެ.