އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ޚިދުމަތް އިފްތިތާޙްކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިންނެވެ.
މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުން މި ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ލޮޖިސްޓިކްސްގެ ހަރުދަނާ ޚިދުމަތެއް ދެވޭނެ ގޮތްތަކެއް ރާވަން ޖެހޭކަމަށެވެ. އަދި އެމްޕީއެލްއިން މި ފެށި ޚިދުމަތާއެކު ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ ބޭރުގެ ކުންފުނިތަކުން އައިސް، މިސާލަކަށް ބައެއް ކަހަލަ ސާމާނު ދުބާއީ ނުވަތަ އެހެން ޤައުމެއްގެ ޕޯޓުގައި ނުވަތަ ސްޓޯރޭޖުގައި ބަހައްޓާފައި ގެނެސްގެން މި ޚިދުމަތް ދެނީ، މިހާރު އެމް.ޕީ.އެލްއިން މި ގެނައި ޚިދުމަތާއެކު ވަރަށް ގިނަ ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ. ނަތީޖާއެއްގެ ގޮތުން ފައިދާވުމާ އަދި އޭގެ އިތުރުން ވިޔަފާރިތަކުގެ ޑައުން ޓައިމް ކުޑަވެ، ރިސޯޓެއް ހަދާ މީހުންނަށްވެސް މިކަހަލަ ލޮޖިސްޓިކަލް ޚިދުމަތްތައް ޕޯޓުން ދޭން ފެށުމުން ބޭނުންވާ ތަކެތި އަވަހަށް އައިސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ." ވަޒީރު ޒަމީރު ވިދާޅުވިއެވެ.
އެމްޕީއެލުން ވިދާޅުވާގޮތުގައި އަލަށް ތަޢާރަފްކުރި މި ޚިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ޚިދުމަތް ފާހަގަކޮށްލެވެއެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓޭނަރުތައް އެމް.ޕީ.އެލްގެ އުޅަނދުތަކުގައި ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް ފޮނުވައިދެވޭނެއެވެ. މީގެ އިތުރުން ތިލަފުށީގައި ކޮމާޝަލް ވެއަރހައުސިންގ ގާއިމްކުރުމާއި، (ސީ-ޓު-އެއަރ) ކާގޯގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މާލޭ ބަނދަރުން އެއަރޕޯޓަށް މުދާ އުފުލައިދިނުމުގެ އާ ނިޒާމެއްވެސް ވަނީ ތައާރަފްކޮށްފައެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ލޭންޑިންގ ކްރާފްޓެއް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެ އުޅަނދު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް އެމް.ޕީ.އެލްއިން މަޢުލޫމާތުދެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.
އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި ލޮޖިސްޓިކްސްގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ވަކިން ޚާއްސަކޮށް ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި އާ އިންތިޒާމުތަކެއް މިހާރު ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެލް.ސީ.އެލް މުދާ ހަލުވިކަމާއި ފަސޭހަކަމާއެކު އުފުލައިދިނުމަށް ފަރުމާކުރެވިފައިވާ އާ ޚިދުމަތެއް މިހާރު ވަނީ ފަށާފައެވެ. މި ޚިދުމަތާއެކު ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތުވެސް މި އާ ނިޒާމުގެ ދަށުން ވިޔަފާރިވެރިންނަށް ލިބިގެންދާނެކަމަށް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ.
ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް "އެންކަރ" ގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމް.ޕީ.އެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމް.ޕީ.އެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ޚިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފައެވެ.