ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކުން ދެ މީހުން ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 72 އަހަރުގެ މީހެއް

  • ދެމީހުން އަތުންވެސް މަސްތުވާތަކެތި ފެނިފައިވޭ

މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި، ފުވަމުލައް ސިޓީއިން 2 މީހަކު ތަފާތު ދެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް/ މިސްކިތްމަގު، ނިރިހާ، ޙުސައިން ސައިފު (33އ) އާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް/ ފުނާޑު. އެލީނާ، މުޙައްމަދު މޫސާ (72އ)އެވެ.

ސައިފް ހައްޔަރު ކޮށްފައިވަނީ، ފެބުރުއަރީގެ 4ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ އޮޕަރޭޝަންގައި ފުވަމުލައް ސިޓީ މަގުމަތިން އޭނާ ހުއްޓުވާ، ބަލާފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ގަބޫލުކުރެވޭ އެއްޗެހިހުރި 19 ރަބަރު ޕެކެޓު ފެނިފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ.

މޫސާ ހައްޔަރުކޮށްފައިވަނީ، ފުވަމުލައް ސިޓީއާއި މާލެ ސިޓީއާ ދެމެދު ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރުމުގެ މަޢުލޫމާތު ލިބި، އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ކަމުގައި ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ފެބުރުއަރީ 3ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އޭނާވަނީ، ފުވަމުލައް ސިޓީ މަގުމަތިން ހުއްޓުވާ، ބަލާފާސްކޮށްފައިއެވެ. އޭނާ ބަލާފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ. އަތުލައިގަނެވުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35ގުރާމު ކަމުގައި ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސެއިން ސައިފް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކުރައްވާފައިކަމުގައި ފުލުހުން ވިދާޅުވިއެވެ. އަދި، މުޙައްމަދު މޫސާ 5 ދުވަހަށް ބަނދުކުރުމަށް އަނގަވާފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ. މި ދެ މައްސަލަ އިތުރަށް ތަހުގިގުކުރަމުން ދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.