އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ނުވަތަ އާއްމުކޮށް ކިޔާގޮތުންނަމަ އޯޓިޒަމްއަކީ، ސިކުނޑީގެ ނާރުތަކަށް އަންނަ ބަދަލެއްގެ ސަބަބުން، ކަންކަން ނަގައިގަނެވޭގޮތް ނުވަތަ ވިސްނޭގޮތަށް އަންނަ ބަދަލަކުން ކުރިމަތިވާ ހާލަތެކެވެ. މިއީ ކުއްޖާ ދުނިޔެއަށް އުފައްވާއިރުވެސް، އެކަމަކާއި އެކީގައި އުފަންވާ ހާލަތެކެވެ. އޯޓިޒަމްއަކީ ބައްޔެއް ނޫނެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ތަފާސްހިސަބުތަކަށް ބަލާއިރު އޯޓިޒަމް ހުންނަކަމަށް ރަޖިސްޓަރ ވެފައިވާ މީހުންގެ އާބާދީ ދިވެހިރާއްޖޭގައި 1200 އަށްވުރެ ގިނައެވެ. ރާއްޖޭގައި އޯޓިޒަމްއާއި ގުޅޭ ތަފާސްހިސާބެއް އެކަށީގެންވާ ގޮތުގައި އެއްކުރެވިފައެއް ނެތެވެ. އަދި ވަރަށް ގިނަ ފަހަރު ބަލި ދެނެނުގަނެވޭ (ޑައިގްނޯސް) ހާލަތްތައް ގިނައެވެ.
އޯޓިޒަމް ހުންނަ ބޮޑު ނިސްބަތަކީ ކުޑަކުދިންނެވެ. އޯޓިޒަމްގެ އަލާމާތްތައް އާއްމުކޮށް ފެންނަން ފަށަނީ ކުދިންގެ އުމުރުން 1 އަހަރާ 3 އަހަރާ ދެމެދުގައެވެ. އެއީ މިކަމުގެ އަލާމަތްތަކީ ކުއްޖާގެ ހެދިބޮޑުވުމުގެ އެކި މަރުޚަލާތަކަށް ރިއާޔަތްކޮށް، ދެނެގަނެވޭ ކަމަކަށްވާތީއެވެ. މަދު ޙާލަތެއްގައި ފުރާވަރުގެ އުމުރު ނުވަތަ އެއަށްވުރެ އުމުރުން ދޮށީވާފަހުންވެސް އޯޓިޒަމް ދެނެގަނެވެއެވެ.
ވާހަކަ ދައްކަން ފެށުން ލަސްވުން ނުވަތަ ވާހަކަ ދައްކާ ގޮތް
ކަންކަން ފަހުމްވާން އުނދަގޫވުން
ސީދާ އެކަމެއް އޮންނަގޮތަށް ބުނެދީގެން ނޫނީ ނަގައިނުގަނެވުން
އަޑާއި ރާގާއި، ބޮޑީ ލެންގުއޭޖުން ދޭ މެސެޖުތައް ނަގައިނުގަނެވުން
ޙަޤީގަތަކީ އޯޓިޒަމްއަކީ މުޅިން ރަނގަޅުކުރެވޭ ޙާލަތެއް ނޫންކަމެވެ. އަދި މީގެ ތަފާތު ބާވަތްތައް ހިމެނޭކަމެވެ. ނަމަވެސް މިއީ ދުރާލާ ދެނެގަނެވި، ފަރުވާއާއި ތެރަޕީ ދެވިއްޖެނަމަ، ޙާލަތު ރަނގަޅު ކުރެވޭ ކަމެކެވެ.
ރާއްޖެއަށް ބަލާއިރު މިފަދަ ވަރަށް ގިނަ ކޭސްތައް ދެނެނުގަނެވެއެވެ. ކުރިއާލާ އޯޓިޒަމް ދެނެގަނެވޭނެ ފަރުވާއާ ވަސީލަތްތައްވެސް ރާއްޖޭގައި އެކަށީގެންވާގޮތެއްގައި ނުލިބުމަކީ އޮތް ބޮޑު ގޮންޖެހުމެވެ. ޚާއްސަކޮށް އަތޮޅުތަކުގައި މިފަދަ އެކަށީގެންވާ ނިޒާމެއް ނެތެވެ.
ނަމަވެސް މިކަމާމެދު މީހުންގެ ހޭލުންތެރިކަން އިތުރުވެ އެކަމާ ވާހަކަދެކެވޭ މިންވަރުވެސް މިވަނީ އިތުރުވެފައެވެ. އަދި މިކަމަށް ސަރުކާރުން ދޭ ސަމާލުކަންވެސް ދަނީ އިތުރުވަމުންނެވެ.
އެގޮތުން ފަރުވާ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއި އަދި އިންސާނީ ވަސީލަތްތައް އިތުރުކުރުމަށްވެސް ތަފާތު ގިނަ ޕްރޮގްރާމްތައް މިވަނީ ފަށާފައެވެ. އަދި މީގެކުރިން ތެރަޕީގެ ޚިދުމަތް ނެތް އަތޮޅު ހޮސްޕިޓަލްތަކުގައި ތެރަޕީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބައެއް ސަރަޙައްދުތަކުގައި މުޅިން އަލަށް ޚިދުމަތް ވަނީ ފަށާފައެވެ. އަދި 250 ތެރަޕިސްޓުން، މަތީ ތަޢުލީމުގެ ދާއިރާތަކުން ތަމްރީންކުރުމަށް ސްކޮލަރޝިޕް ފުރުޞަތަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
ތަޢުލީމީ ނިޒާމަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ފޮތްތައް ތައްޔާރުކުރުމާއި އެކުދިންނަށް ސްކޫލްތަކުގައި ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. އަދި މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ތަފާތު ސިއްޙީ ހާލަތްތަކާއެކުވެސް، ވަރަށް ގިނަ ކުދިންނަކީ ދިރިއުޅުމުގައި ކުރިއަށްދިއުމުގެ ތަފާތު ޤާބިލުކަން ލިބިފައިވާ ކުދިންނެވެ. އަދި ކާމިޔާބު މަސައްކަތްތައްކޮށް އަމިއްލަ ފައިމައްޗަ ތެދުވެ ދިރިއުޅުން ބިނާކޮށްފައިވާ ކުދިން މަދެއް ނުންނެވެ.
ރާއްޖެއަށް ބަލާއިރުވެސް، ޤުރުއާން ހިތުދަސްކުރުމާއި ތަޢުލީމީ ތަފާތު ރޮނގުތަކުގައި ކުރިއަރާދިއުމާއި ވަޒީފާގެ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ކުދިން ހިމެނެއެވެ.
މިފަދަ ކުދިންނާއި އާއިލާތަކަށް ބޭނުންވަނީ ހިތްވަރުދީ އެހީދޭނެ ޝާމިލު މުޖުތަމަޢުއެކެވެ. ހިތްހެޔޮ އަމާން މުޖުތަމަޢުއެކެވެ.