ޚަބަރު

ގެދޮރުއެޅުމަށް ދަތިވެފަވާ 821 މީހުންނަށް 900 މިލިއަނަށްވުރެ ގިނަ ރުފިޔާ


  • 2256 ފޯމު މިހާތަނަށް ހުށައަޅާފަވޭ

  • ލުއި ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށް

  • ކޮންމެ އަހަރަކު 1 ބިލިއަން ރުފިޔާ ކަނޑައަޅާނެ

އަމިއްލައަށް ގެދޮރު ބިނާކުރުމަށް ދަތިވާ ފަރާތްތަކަށް ޢަމާޒުކޮށް ސަރުކާރުން ދޫކުރަން ފަށާފަވާ ލުއި ލޯނުގެ ދަށުން، މިހާތަނަށް 900 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ބޭންކަށް ފޮނުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން "ހިޔާވެހި ފައިނޭންސް ސްކީމް" ތަޢާރަފުކޮށްފަވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ.

ހިޔާވެހި ފައިނޭންސް ސްކީމުގައި މާލެ ސަރަޙައްދު، އަރބަން ސެންޓަރުތައް އަދި ރަށްވެހި ސްކީމްގެ ދަށުން ދޫކުރާ ލޯނު ހިމެނެއެވެ. މި ސްކީމުގައި 1 މިލިއަނުން ފެށިގެން 6 މިލިޔަނާ ދެމެދުގެ ފައިނޭންސް ފެސިލިޓީ ދޫކުރެއެވެ.

މިއީ އިސްލާމިކް ފައިނޭންސިން ޢުސޫލުތަކުގެ ދަށުން %5 ގެ ޕްރޮފިޓް މަރޖިންގައި ދޫކުރާ ލުއި ލޯނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފުރުޞަތަށް އެދި 2256 ފޯމު ހުށައަޅަފަވާއިރު، 821 މީހުނަށް މިހާތަނަށް ލޯނު ދޫކުރުމަށް ނިންމާ، ބޭންކަށް ފޮނުވާފަވާކަމަށެވެ.

މި ފަރާތްތަކަށް ޖުމުލަ 989،617،640.17 ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. ހިޔާވަހި ލޯނު ސްކީމްގެ ދަށުން ކޮންމެ އަހަރަކު ބޯހިޔާވަހިކަމަށް 1 ބިލިއަން ރުފިޔާއާއި ހަމައަށް މާލީ އެހީ ދޫކުރައް ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސް އިޢުލާނުކުރައްވާފައިވެއެވެ.

ހުރިހާ ލޯނެއްވެސް ދޫކުރަނީ %5 އިންޓްރެސްޓް ރޭޓުގައި 25 އަހަރުން އަނބުރާ ދައްކާގޮތަށެވެ.

މި ސްކީމުގެ ދަށުން، ގެދޮރު ގަތުމާއި އަލަށް އިމާރާތްކުރާ ފަރާތްތަކާއި މަރާމާތުކުރުމަށްވެސް މާލީ އެހީއަށް އެދެވޭނެއެވެ. މީގެ ސަބަބުން، އަމިއްލަ ބިމެއް އޮވެ، ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން އިމާރާތްކުރުމަށް ދަތިވެފައިވާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.