އަންނަ ސީޒަންގައި ދިވެހި ޕްރިމިއަރ ލީގުން ޖާގަ ގެއްލިދާނެ ކަމަށް ބެލިވެފިވާ ކްލަބް ވެލެންސިއާ ލީގުގެ ފަހު މެޗުން މޮޅުވެ ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާކޮއްފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފަހު މެޗު ވެލެންސިއާ ކާމިޔާބުކުރީ ކްލަބް އީގަލްސްއާ ވާދަކޮށް 2-0 އިންނެވެ. މި މޮޅާއެކު ވެލެންސިއާ ވަނީ ލީގުގައި ކުޅުނު 18 މެޗުން 12 ޕޮއިންޓް ހަމަކޮއްފައެވެ.
ލީގުގެ ރެލީގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަންނަ ގްރީން އިން ވެސް ވަނީ ހަމަ މި އަދަދަށް ޕޮއިންޓް ހޯދާފައެވެ. މާދަމާ ހަވީރު ނިއުރޭޑިއަންޓް އަތުން ފަސް ލަނޑުގެ ފަރަގަކުން ބަލިނުވެއްޖެ ނަމަ އެޓީމު ސަލާމަތް ވެފަ ވަލެންސިއާ ރެލިގޭޓް ވާނެއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން ވެލެންސިއާ އިން ރަނގަޅަށް ކުޅުނު ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބިގެން ދިއައީ ވެލެންސިއާ އަށެވެ. އައިދު މުހައްމަދު ޖަވީޒްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.
މެޗުގެ 9 ވަނަ މިނިޓުގައި އީގަލްސްގެ ޒައިން ޒަފަރް ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ދިން ބޯޅަ އެޓީމުގެ ޒުވާން ފޯވާޑް އަހުމަދު ލައިތު އައްބާސް ފޮނުވާލުމުން ދިއައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން އަލީ ހާފިޒް ފޮނުވާލި ބޯޅައެއް ވެލެންސިއާގެ ކީޕަރު ވަނީ އަތުލާފައެވެ.
މެޗުގެ 16 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް އައި ބޯޅައެއް އައިދު ފޮނުވާލުމުގެ ކުރިން ކީޕަރު ނުކުމެ ވަނީ ދިފާއުކޮއްފައެވެ. މެޗުގެ 26 ވަނަ މިނިޓުގައި އީގަލްސްގެ އިސްމާއިލް އީސަ އޭރިއާ ބޭރުން ހުރެ ލައިތު އަށް ދިން ބޯޅައެއްގެ ބޭނުންވެސް ވަނީ ހިފޭގޮތް ނުވެފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި އީގަލްސްގެ ހާފިޒަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ވެލެންސިއާ އިން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނިޓުގައި އީގަލްސްގެ ކީޕަރު އޭރިއާ ތެރެއިން ކުރިއަށް ޖެހިލިވަގުތު ވެލެންސިއާގެ އައިދް ބޮލުން ގޯލަށް ވައްދާލި ބޯޅައާއެކުއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެއީ 50 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ މިޑްފީލްޑަރ އެމެޓިއަސް މާޓިނޭޒް އޭރިއޭ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލާ ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ.
މެޗުގެ 69 ވަނަ މިނިޓުގައި އަހުމަދު ހަމްދާން އަޒްލީން ވެއްޓިގެންފަ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިއައީ ދަނޑިކައިރިންނެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވެލެންސިއާގެ އަހުމަދު ކާއިން ގަޔާޝް އާއި އައިދަށް ވަނީ ލަނޑުޖަހަން ހުސް ފުރުސަތުތަކެއްވެސް ލިބިފައެވެ.
މިއީ މި ސީޒަންގައި ވެލެންސިއާ މޮޅުވި ތިންވަނަ މެޗެވެ.