ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި އަވަށްޓެރި ލަންކާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ހުރި އެއް އެކުވެރިޔާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެތައް ގަރުނެއްވީ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
On this joyous occasion of Sri Lanka’s 78th Anniversary of Independence, I wish to convey heartfelt greetings and best wishes to HE President Anura Kumara Disanayaka @anuradisanayake, HE Prime Minister Dr Harini Amarasuriya @Dr_HariniA, the Government and the neighbourly people… pic.twitter.com/JQaKtSf7FI
— Dr Mohamed Muizzu (@MMuizzu) February 4, 2026
މީގެ އިތުރުން، ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ދެމިގެންވާ އެއްބައިވަންތަކަމާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލުމުގެ ޤާބިލުކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ ރައީސަށާއި، ބޮޑުވަޒީރަށް ޚާއްސަ ސިޓީފުޅެއްވެސް ފޮނުއްވާފައެވެ. އެގޮތުން ލަންކާގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ލަންކާގެ އިޤްތިޞާދީ ހަމަޖެހުމާއި، އިޖްތިމާޢީ ހަމަޖެހުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާއި ހޯދާ ކުރިއެރުންތައް ވަނީ ފާހަގަކުރައްވާފައެވެ.
ލަންކާގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވައި، މިގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. ވަކިން ޚާއްސަކޮށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، އަދި ސަރަޙައްދީ ހަމަޖެހުމަށާއި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ލަންކާއަކީ ސަރަޙައްދީ ގޮތުންނާއި ސަގާފީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ލަންކާއަކީ ދިވެހިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.