ޚަބަރު

ދުނިޔޭގެ ފަންނުވެރިންގެ ބޮޑު ސަމިޓެއް ރާއްޖޭގައި ބާއްވަނީ


  • މި ސަމިޓް ބާއްވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު

  • ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 ކްރިއޭޓަރުން ބައިވެރިވާނެ

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތެރި ފަންނުވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ބޮޑު ސަމިޓެއް ރާއްޖޭގައި ބޭއްވުމަށް ވިޒިޓް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.

"ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަރޑް ބައި ކްރިއެޓޯލް" ގެ ނަމުގައި ކުރިޔަށްދާ މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އިން 25 ގެ ނިޔަލަށެވެ.

މިއީ ވިޒިޓް މޯލްޑިވްސްއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ނުފޫޒުގަދަ އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ އިންތިޒާމް ކުރާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ ބައިނަލްއަޤުވާމީ ހަރަކާތެކެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ފަތުރުވެރިކަން އިޝްތިހާރު ކުރާ ގޮތް ވަރަށް އަވަހަށް ބަދަލުވަމުންދާ ކަމަށާއި، މި ބަދަލުގެ މައިގަނޑު އަސާސަކީ ކްރިއޭޓަރުން ކަމަށެވެ. އަދި މި ސަމިޓުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކް ވިދާޅުވީ، މިއީ ހަމައެކަނި ސޯޝަލް މީޑިއާ އިވެންޓެއް ނޫން ކަމަށާއި، މި ހަރަކާތަކީ މަންޒިލްތަކުގެ ވާހަކަ ދުނިޔެއަށް ބުނެދޭނެ ގޮތް ބައްޓަން ކުރާނެ ސީރިއަސް ޕްލެޓްފޯމެއް ކަމަށެވެ. ވުމާއެކު، މި ސަމިޓުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަންނުވެރިންނާއި، ބޮޑެތި ބްރޭންޑްތަކާއި، ޓެކްނޮލޮޖީ ޕްލެޓްފޯމްތައް އެއްތަނަކުން ބައްދަލުވެ، އައު އީޖާދީ ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމަށް ޖަސްޓިން ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފަންނުވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރުން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، މުއްސަނދި ސަޤާފަތާއި އާދަކާދަތައް، އުފެއްދުންތެރި އަދި ޒަމާނީ ގޮތެއްގައި ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަކީވެސް މި ހަރަކާތުގެ މުހިންމު އަމާޒެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މި ހަރަކާތުގެ ދަށުން ކުރިއަށްދާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ވޯލްޑް ކްރިއޭޓާ ސަމިޓް ހިމެނެއެވެ. މިއީ، ދައުވަތު އެރުވޭ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ފޯރަމަކަށްވާއިރު، މި ފޯރަމުގައި މަންޒިލްތައް އިޝްތިހާރު ކުރުމުގެ ކުރިމަގާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެެ. މީގެ އިތުރުން ޑިޖިޓަލް ދާއިރާއިންނާއި، އުފެއްދުންތެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ ވޯލްޑް ކްރިއޭޓާ އެވޯޑްސްވެސް މި ހަރަކާތުގެ ތެރޭގައި ހިމެނެއެވެ. އަދި ބައިވެރިންނަށް ރާއްޖޭގެ ރަށްތަކާއި، ސަޤާފަތާއި، ދިރިއުޅުން ތަޖުރިބާކޮށް، ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް ވީއެމްސީން ވިދާޅުވެއެވެ.

މި ހަރަކާތުގެ ފުރަތަމަ އެޑިޝަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 50 ކްރިއޭޓަރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ޤައުމުތަކުގެ ކްރިއޭޓަރުން ހިމެނޭ ކަމަށްވެސް ވީއެމްސީން ވިދާޅުވެއެވެ.