ޚަބަރު

"މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 367 މީހަކަށް ވަޒީފާ ދީފިން"


  • ކުރެވުނު އެންމެ މުހިންމު ކަމަކީ އެ ފަރާތްތައް މާލީގޮތުން ބާރުވެރިކުރުވުން

  • އެންޕަވަރމަންޓް ހަބްގެ މަސައްކަތް މިހާރު ވަނީ ފެށިފައި

މި ދައުރުގެ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 367 މީހަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސެބިލިޓީ އިންކުލޫޝަން ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހުރިހައި ސަފެއްގައިވެސް ބައިވެރިވުން އިތުރުކޮށް ޝާމިލް މުޖްތަމައުއެއް ބިނާކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅޭ ވަރުގަދަ ބިންގަލެއްކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ނުކުޅެދުންތެރިކަމަކީ އިންސާނީ ހައްޤުތަކާއި ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ކަމަކަށް މިއަދު ބަދަލުކުރެވިފައިވާކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް އެ މީހުންގެ ހައްޤުތައް ކަށަވަރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށް ހައްޤުތައް ކުރިއެރުވުމާއި ބޭނުންވާ ޚިދުމަތްތަކާއި ފަރުވާ ފޯރުކޮށްދިނުމަށާއި އެ ފަރާތްތައް އިޤްތިޞާދީގޮތުން ބާރުވެރިކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށެވެ.

އެގޮތުން މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ އެ ކުއްޖާގެ ކިބައިގައިވާ ނުކުޅެދުންތެރިކަމެއް ހުރިތޯ ދެނެގަތުމަށާއި ޅަފަތުގެ ދައުރުން ފެށިގެން ސްކޫލްގެ ދައުރުގައާއި މަތީ ތައުލީމާއި ވަޒީފާގެ މާހައުލަށް ނުކުތުމަށާއި އަދި އެ ވަޒީފާގައި ދެމިހުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކަކީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާ އަމަލުކުރަމުންދާ ސިޔާސަތުގެ އަލިގަދަ ރަމްޒެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ޚާއްސަ އިސްކަމެއް ދެވިގެން ފާއިތުވި 2 އަހަރު ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން. މިގޮތުން މި ފަރާތްތަކަށް ވަޒީފާ ކަށަވަރުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެމަނިކުފާނުގެ އިސްނެންގެވުމާއިއެކު މި ދައުރުގައި މިހާތަނަށް 367 ފަރާތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާކަން އުފަލާއިއެކު ފާހަގަކުރަން. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ފޯރުކޮށްދެވިފައިވާ ފުރުސަތުތަކަށްވުރެ އިތުރު އަދަދެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލައް ނިކުތުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ދާއިރާގެ ތަޖުރިބާހުރި ފަންނީ ފަރާތްތަކާއި ގުޅިގެން އެ މިނިސްޓްރީން ފަށާފައިވާކަމަށެވެ. މިފަދަ ފުރުސަތުތަކާއި ހަމައަށް ވާސިލްވެވޭކަން ކަށަވަރުކުރުމަށް އެ ފަރާތްތަކަށް އެކި ހުނަރުތައް ދަސްކޮށްދީ އެކި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގެ ގޮތުން ގާއިމްކުރެވޭ އެންޕަވަރމަންޓް ހަބްގެ މަސައްކަތް މިހާރު ފެށިފައިވާކަމަށްވެސް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.