ދިވެހިރާއްޖޭގައި އަލަށް ޢަމަލުކުރަން ފެށި މަސްވެރިކަމުގެ ޤާނޫނާއެކު މިދާއިރާއިން މުހިންމު ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. އަމްޒަތު މިހެން ވިދާޅުވީ، އޯޝަން ގަވަނަންސް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އޯޝަން ގަވަނަންސް ފޯރަމަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްއިން އިސްނަގައިގެން ބާއްވަމުން އަންނަ ފޯރަމެކެވެ. މިއީ މީގެ 2 ވަނަ ފޯރަމެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވީ، މުއައްސަސާތަކާއި ކޯޕަރޭޝަންތައް ހަރުދަނާކަމާއެކު ހިންގޭނީ، ޤައުމީ ފެންވަރުގައި ވަރުގަދަ ޤާނޫނީ އަދި ސިޔާސީ އޮނިގަނޑެއް އޮވެގެންކަމަށެވެ.
ދިވެހިރާއްޖޭގައި އަލަށް ޢަމަލުކުރަން ފެށި މަސްވެރިކަމުގެ ޤާނޫނާއެކު މިދާއިރާއިން މުހިންމު ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވާކަމަށެވެ. ނަމަވެސް، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ޤާނޫނީ އޮނިގަނޑުވެސް މެދުނުކެނޑި ތަރައްޤީކުރަންޖެހޭތީ، ގޮންޖެހުންތައް އަދިވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މަރިކަލްޗަރ ފުޅާކުރުމާއި، މަސްވެރިކަމުގެ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ބައިނަލްއަޤްވާމީ އައު އިލްތިޒާމުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"ބައިނަލްއަޤްވާމީ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި މިހާރު ވަނީ 20 އަހަރު ދުވަހުގެ މަސްވެރިކަމުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލާފައި. ސަރަޙައްދީ ފެންވަރުގައި ހިންގޭ ޤާނޫނީ އަދި ސިޔާސީ ދިރާސާތަކުގެ ސަބަބުން، ހުރި ފަރަގުތައް ދެނެގަނެވި، މަސައްކަތްތައް ތަކުރާރުވުން ކުޑަކުރެވި، އަދި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ފައިދާހުރި އެންމެ ރަނގަޅު އުޞޫލުތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ". އަމްޒަތު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު ވިދާޅުވީ، ކަނޑުފަޅުގެ ކަންކަން ބެލެހެއްޓުން ނުވަތަ އޯޝަން ގަވަނަންސްއާއި ބެހޭ އެއްވެސް މަޝްވަރާއަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުވާނުލައި ފުރިހަމަވާނެ މަޝްވަރާއެއް ނޫންކަމަށެވެ. 99 އިންސައްތަ ކަނޑު ހިމެނޭ ދިވެހިރާއްޖެ ފަދަ ޤައުމަކަށް، ކަނޑުގެ އެސިޑިޓީ އިތުރުވުމާއި ފަރުތައް ހުދުވުމަކީ ރާއްޖޭގެ ދިރިހުރުމާ ސީދާ ގުޅިފައިވާ ނުރައްކާތަކެއްކަމަށެވެ. މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް މި ބަދަލުތަކުގެ ސަބަބުން ތޫފާންތައް ގިނަވެ، ރަށް ގިރުމުގެ މައްސަލަތައް އިތުރުވެ، އަދި މަސްވެރިކަމަށް ބުރޫއަރައި، އެތައް މިލިއަން ބައެއްގެ ދިރިއުޅުމާއި އާމްދަނީއަށް ވަނީ ނުރައްކާ ކުރިމަތިވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޔޫއިން އިންތިޒާމްކޮށްގެން ބާއްވާ އޯޝަން ގަވަނަންސް ފޯރަމް ކުރިއަށްދާނީ 1 ދުވަހުގެ ނިޔަލަށެވެ. މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވެއެވެ. މީގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ.