ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރުމުގެ ޤައުމީ މަގުޗާޓަކީ، އެއްވެސް ފަރާތެއް ބާކީ ނުކޮށް ކުރިއަށްދިއުމުގައި ސަރުކާރުގެ މިސްރާބު ހާމަކޮށްދޭ އެންމެ މުހިންމު މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރުމުގެ ޤައުމީ މަގު ޗާޓު އިފްތިތާޙުކޮށްދެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުއެވެ.
މިމަގު ޗާޓް އިފްތިތާހްކޮށްދެއްވުމަށްފަހު ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސައްކަތު ހުނަރުތައް ދަސްކޮށްދިނުމަށް ތަފާތު އެކި ތަމްރީން ޕްރޮގްރާމްތަކަށް މަގު ފަހިކޮށްދެމުންދާކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާއިރުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާގޮތަށް ނިންމުންތައް ނިންމުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"މި ދެ އަހަރު ނުކުޅެދުންތެރިކަން ހުންނަ 367 ފަރާތަކަށް ވަޒީފާ ހަމަޖައްސައިފި. އަދި ތަފާތު ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިކޮށް ފަހި ފުރުޞުތަތައް ވަނީ ހުޅުވާދީފައި. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ މި މަގު ޗާޓަކީ، މި ރޮނގުން ސަރުކާރުގެ މިސްރާބު ހާމަވާކަމެއް." ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ 14800އަށްވުރެ ގިނަ މީހުންނަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނެވެ.
އަލަށް އެކުލަވާލި މަގުޗާޓުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމީ ފުރުޞަތުތައް ފޯރުކޮށްދިނުމާއި ތަމްރީންތައް ހިންގުމާއި ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި އެފަދަ މީހުންގެ ޝާމިލުކަން އިތުރު ކުރެވޭނެ ކަންކަމަށް ވަނީ ރިޢާޔަތްކޮށްފައެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުންވެސް ހިމެނެއެވެ.