ޚަބަރު

ޗައިނާ ފަތުރުވެރިންގެ ޢަދަދު އިތުރުވެއްޖެ


  • ޗައިނާއިން 263,042 ފަތުރުވެރިން އައިސްފައިވޭ

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިންކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 26,108 ފަތުރުވެރިން ވަނީ އައިސްފައެވެ. މިހާރު ޗައިނާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. މި އަހަރުގެ ފުރަތަމަ ހަފުތާ ނިމުނު އިރު ޗައިނާ އޮތީ ލިސްޓުގެ 6ވަނައިގައެވެ.

މިދިޔަ އަހަރު ނިމުނު އިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ޗައިނާއިން 263,042 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އެޤައުމުން ވަނީ 31,250 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތުންނެވެ. އެއީ 25,141 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 242,707 ފަތުރުވެރިން އައިސްފައިވާ އިރު މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން އެދުވަހު ރާއްޖެއަށް 10,253 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަހެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 11ވަނަ ދުވަހުއެވެ. އެއީ 10،213 ފަތުރުވެރިންނެވެ.

މިދުވަސްވަރު ރާއްޖެއަށްދަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންނެވެ. އެގޮތުން މިއަހަރަކީ 2 ލައްކަ ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ މަހުވެސް ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.