ޚަބަރު

ވައިކަރަދޫގައި ގްރީންހައުސްތަކެއް ޤާއިމުކޮށްފި


  • ގްރީންހައުސްތައް ޤާއިމުކޮށްފައިވަނީ "ދަނޑުވެރި މަންފާ" މެޗިންގ ގްރާންޓް ސްކީމުގެ ދަށުން

  • މި ސްކީމުގެ ދަށުން 8 ގްރީންހައުސް ޤާއިމުކޮށްފައިވޭ

ހދ. ވައިކަރަދޫގެ އައިލެންޑް ފާރމަސް ފޯރަމް (އައިއެފްއެމް) ގެ މެންބަރުން އެ ރަށުގައި 8 ގްރީން ހައުސްއެއް ޤާއިމުކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ އެ ވުޒާރާއިން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި "ދަނޑުވެރި މަންފާ" މެޗިންގ ގްރާންޓް ސްކީމުގެ ދަށުން ޤާއިމުކުރި ގްރީންހައުސްތަކެއް ކަމަށެވެ.

މި ސްކީމުގެ ދަށުން ވައިކަރަދޫގައި ޤާއިމުކުރި ގްރީންހައުސްތައް އެޅުމަށް ކުރި ޚަރަދުގެ %50 ފޯރުކޮށްދީފައިވަނީ މެޕްގެ އެހީގައެވެ. އަދި މި ގްރީންހައުސްތަކުގައި ކާމިޔާބުކަމާއެކު މިހާރު ކިއުކަމްބާއާއި މެލަން އިންދައިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.


މެޕަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި، ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށް ގެންދަނީ، ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައެވެ.

މެޕުން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިންވެސް ވަނީ އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތަކެއް ޤާއިމުކޮށްފައެވެ. މި ގްރީންހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިގޮތުން ގްރީންހައުސްތައް ޤާއިމުކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމާއިއެކު، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ގްރީންހައުސްތަކުން ދަނޑުވެރިން ނަފާ ހޯދަމުން އަންނަ ކަމަށެވެ.