ޚަބަރު

މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރަތް ހުޅުވައިފި


  • މިލަދޫ އަދި މާޅެންދޫގައި ލެބޯޓަރީގެ ޚިދުމަތްވެސް ފަށާފައިވޭ

  • މިލަދޫގައި ކުރިން ބޭނުންކުރަމުންދިޔައީ މޯބައިލް ލެބޯޓަރީ ޚިދުމަތެއް

ނި. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރަތް ހުޅުވައިފިއެވެ. އައު އިމާރަތް ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ވަޞީލަތް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރައްވަމުންނެވެ. އެގޮތުން ނ. އަތޮޅަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައިވަނީ ނ.އަތޮޅު މިލަދޫ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ތަރައްޤީކޮށްފައިވާ އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. އަދި އެރަށާއި މާޅެންދޫގައިވެސް ލެބޯޓަރީގެ ޚިދުމަތްވަނީ ރަސްމީކޮށް ފަށްޓަވާދެއްވާފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން ހުރިހައި ރަށަކުންވެސް އެންމެ ބޮޑަށް ޞިއްޙީ ދާއިރާއިން އެދޭކަމަކީ އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުންކަމަށެވެ. އެހެންކަމުން މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެލަނޑުދަނޑި ޙާސިލްކުރުމަށް ސިއްޙީ ދާއިރާގެ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

"މިރަށުގެ ޞިއްޙީ މަރުކަޒަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން، އަދި ހަމަ ލެބޯޓްރީގެ ޚިދުމަތްވެސް އެކަށީގެންވާގޮތުގައި ނެތުމުގެ މައްސަލަ އޮތް. އެހެންކަމުން ރަށްރަށަށް ރައީސް ވަޑައިގަތުމުން އެންމެ ބޮޑަށް އަންނަ ރިކުއެސްޓަކީ ލްބޯޓްރީގެ ޝަކުވާ. އެހެންކަމުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެޚިދުމަތް ޤާއިމުކުރުމަށްދަނީ މަސައްކަތްކުރަމުން." ވަޒީރު ވިދާޅުވިއެވެ.

މިލަދޫގައި މީގެކުރިން ލެބޯޓަރީގެ ޚިދުމަތް ދެމުންދިޔައީ މޮބައިލް ލެބޯޓަރީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިއްޙީ މަރުކަޒުގައި ވަރަށް ދަތި ޙާލުގައި ޚިދުމަތްދެމުންދިޔައިރު ޖާގައިގެ ދަތިކަން އޮތީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އަލަށް އިތުރުކުރެވުނު ސިއްޙީ މަރުކަޒުގެ ޢިމާރާތާއެކު އާންމު ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށް ބަލިތައް ޖެހުމުގެ ކުރިން ދުރާލާ ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ފުޅާކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.