ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި


  • މި ކްލާސްތައް ކުރިޔަށް ގެންދަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިންގުމުގެ ދަށުން، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ޙިފްޒު ކްލާސްތައް ރަސްމީކޮށް ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިކްލާސްތައް ކުރިޔަށް ދަނީ ދިއްދޫގައި ދާދިފަހުން ހުޅުވި އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި މި ކްލާސްތަކަކީ، އެ ރަށާއި އެ ސަރަޙައްދުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ކުލާސްތަކެއް ކަމަށެވެ.

މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ދީނީ ޢިލްމާއި މައުލޫމާތު ފެތުރުމަށް ކުރިއަށްގެންދާ ނުހަނު މުހިންމު މަސައްކަތެއް ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ތަރުބިއްޔަތާއި، ދީނީ ޢިލްމު ފެތުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން، އަތޮޅު ތެރޭގައި ހުރި އިސްލާމީ މަރުކަޒުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ދިއްދޫ އިސްލާމީ މަރުކަޒުގައި އިއްޔެ ފެށި މި ކްލާސްތަކުގެ ސަބަބުން، ދިއްދޫގެ ދަރިވަރުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ގޮތެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިފަދަ ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ އިންތިޒާމު ކޮށްފައެވެ. މިއީ، އިސްލާމީ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށާއި، މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ރޫހު އާލާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.