ޚަބަރު

މެއި، ޖޫން އޭލެވެލް އިމްތިޙާނު އަލުން ފަށަނީ


  • މެއި، ޖޫން އިމްތިޙާނު އަމާޒުކުރާނީ ޕްރައިވެޓް ކެންޑިޑޭޓުންނަށް

  • މިހާރުވެސް އޮންނަ އުސޫލުން ސްކޫލުތަކުގައި އޭލެވެލް އިމްތިޙާނު އޮންނާނެ

2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

މި ނިންމުމަކީ އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން ތައުލީމީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި މެއި، ޖޫން އިމްތިޙާނު ދިނުން ހުއްޓާލުމާ ގުޅިގެން، އެ އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ހުރުމުގެ ޚަރަދަށް އެކަނިވެސް އެވްރެޖްކޮށް 30,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޭދަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޕްރައިވެޓް ކެންޑިޑޭޓުންނަށް އަމާޒުކޮށް އަލުން ރާއްޖޭގައި އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އިމްތިޙާނާ ގުޅޭ އިތުރު މަޢުލޫމާތުތައް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އާންމުކުރަމުން ގެންދާނެ ކަމަށްވެސް އެވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ބަދަލާއެކު އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.