މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ޤައިދީއަކަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މަރުވީ، ދަފްތަރު ނަންބަރު 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް ކަމަށެވެ. އޭނާ މަރުވީ، ޞިއްޙީ ހާލަތު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 09:05 އެހާކަށްހާއިރެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައިވާއިރު، މަރުވީ ނިއުމޯނިއާ ބަލީގައި ކަމަށް ކަރެކްޝަނުން މައުލޫމާތުދެއްވައެވެ.
ކަރެކްޝަނުން ވިދާޅުވީ، ސުޙެއިލްއަކީ 2025 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން މީގެ ކުރިންވެސް ޞިއްޙީ ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެކަން ފުލުހުންނަށާއި، އާއިލާއަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ކަމާބެހޭ މުއައްސަސާތަކަށް ރަސްމީކޮށް އަންގަވާފައެވެ.