ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އދ. ގެ އޮފީސް އޮފް ކައުންޓަރ ޓެރަރިޒަމް (ޔޫއެންއޯސީޓީ)އާއެކު މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް، ޔޫއެންއޯސީޓީގެ ވަފުދަކާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ޕީޖީ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނުތައް ފޯރުކޮށްދިނުމަށް އެކުލަވާލާ މަސައްކަތުގެ ތާވަލު ނުވަތަ ވޯކް ޕްލޭންއާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މިވޯކް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫއެންއޯސީޓީގެ ވަފުދަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން އެ އޮފީހުން ފޯރުކޮށްދޭނެއެވެ. މިއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
Prosecutor General Justice (Rtd.) Uz. Abbas Shareef met with a delegation from the UN Office of Counter Terrorism this morning to discuss continued cooperation and the development of a work plan for technical and training support in the Maldives. PGO will provide technical… pic.twitter.com/5dj6XfLNYA
— Prosecutor General’s Office (@PGO_MV) February 2, 2026
މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޕްރޮސިކިއުޓަރުންގެ ހުނަރާއި މައުލޫމާތު މުއްސަނދިކުރުމަށް ޕީޖީ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.