ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މާލެ ޒޯނު ނުވަތަ ޒޯން 8 ގެ ޗެމްޕިއަންކަން އަނެއްކާވެސް ވިލިމާލެއިން ހޯދައިފިއެވެ.
މިފަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ވިލިމާލެއިން ހޯދާފައި ވަނީ، މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ފައިނަލުގައި ވިލިމާލެއާ ދެކޮޅަށް ނުކުތް މައްޗަންގޯޅީގެ މައްޗަށް ކުރިހޯދައިގެންނެވެ.
މިދިޔަ އަހަރު ފައިނަލުގައި ވިލިމާލެ މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ މުބާރާތުގައި، ފައިނަލުގައި މި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ވިލިމާލެއިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި 3-4 އިން ކުރިހޯދައިގެންނެވެ.
މި މެޗުގެ ކުޅުމުގެ ތެރެއިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ވިލިމާލެއިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝައިފުﷲ އިބްރާޙީމެވެ.
ވިލިމާލެއިން ލީޑުނެގިތާ ތިން މިނެޓުފަހުން މައްޗަންގޯޅިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހުސެއިން (އައްމަޑޭ) އެވެ.
ދެވަނަ ހާފުގައި މައްޗަންގޯޅިން ވަނީ ހާފުގެ 13 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް އަޔާން އާމިރުއެވެ.
ވިލިމާލެއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުން އެ ޓީމު މޮޅުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އަލީ ޝިޔާހުއެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެގެން މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ވިލިމާލެއިން ޕެނަލްޓީ ޖެހީ ޝިޔާހުއާއި އަޙްމަދު ބައްސާމްގެ އިތުރުން އަބްދުﷲ ސަމީޙް މޫސާއާއި އިސްމާއިލް ވަޖީހު އަދި ސަމީހުއެވެ. މީގެތެރެއިން ސަމީޙް ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ޕެނަލްޓީ ކާމިޔާބުކުރިއެވެ.
މައްޗަންގޯޅި ޓީމުން ޕެނަލްޓީ ޖެހީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި އަޙްމަދު އަޝްފާން އާއި އަޔާން އާއި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރިލްވާން ވަހީދު (ރިލޭ) ގެ އިތުރުން އިސްމާއީލް ޒާން އަދި އަޙްމަދު އިބްރާޙީމެވެ. މީގެތެރެއިން އަޙްމަދުއާއި އަޔާން ފިޔަވައި އެހެން ކުޅުންތެރިން ޕެނަލްޓީ ކާމިޔާބުކުރިއެވެ.
މިއާއެކު މި ޒޯނުގެ ޗެމްޕިއަންކަން ވިލިމާލެއިން ހޯދިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެއަށް ކުޅެމުން އަންނަ ޤައުމީ ފުޓްސަލް ޓީމުގެ ތަރި ޝިޔާޙް އެވެ. މި ޒޯނުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް އޭނާއެވެ.
މި ޒޯނުގެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ މައްޗަންގޯޅީގެ އަޙްމަދު ހުސެއިނެވެ.