ޚަބަރު

އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކުރަން އިމްޕޯޓު ޑިޔުޓީއަށް ބޮޑެތި ލުއިތަކެއް


އިންޑިއާގައި އުފެއްދުންތެރިކަން އިތުރުކުރަން، މުދާ އުފެއްދުމުގައި ބޭނުންކުރާ ހަރުމުދަލާއި އެހެނިހެން ސާމާނުން އިމްޕޯޓް ޑިޔުޓީއަށް ބޮޑެތި ލުއިތަކެއް ދީފިއެވެ.

އިންޑިއާއިން އެކްސްޕޯޓުކުރާ މުދަލުގެ އަގު 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް ގެންދަން ސަރުކާރުން ހިފާފައިވާ ޢަމާޒަށް ވާޞިލްވުމަށްޓަކައި، ކަސްޓަމްސް ޑިޔުޓީއަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. އަދި އެމެރިކާއަށް އިންޑިއާއިން ބޭރުކުރާ މުދަލުން ނަގާ ޑިޔުޓީ މިފަހުން ބޮޑުކޮށްފައިވާއިރު، ބައިނަލްއަޤުވާމީ ބާޒާރުގައި ޗައިނާއާ ވާދަކޮށް، އިތުރު މާކެޓުތަކަށް އިންޑިއާގެ އުފެއްދުންތައް ފުޅާކުރުމަށްޓަކައި، މުދާ އުފެއްދުމަށް ހޭދަވާ ޚަރަދު މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމަށް ވެސް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.

އިންޑިއާގެ މާލީ ވަޒީރު، ނިރްމަލާ ސީތާރާމަން ވިދާޅުވީ، އިމްޕޯޓް ޑިޔުޓީއަށް ލުއި ދިން މުދަލުގެ ތެރޭގައި، އިލެކްޓްރިކް ވެހިކަލާއި ލިތިއަމް ބެޓެރީ އުފެއްދުމަށް ބޭނުންވާ ބައެއް މައުދަނުތައް ހިމެނޭ ކަމަށެވެ. އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގައި ކޮންމެހެން ބޭނުންވާ މައުދަނުތަކުގެ 90 އިންސައްތަ މިހާރު ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ. އެ މައުދަނުތަކުގެ ސަޕްލައި، ޗައިނާއިން މި ފަހުން ތާށިކޮށްލުމުގެ ނޭދެވޭ އަޞަރު، އިންޑިއާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ސިނާއަތަށް ވަނީ ކޮށްފައެވެ.

މީގެއިތުރުން، އެމެރިކާއިން ޑިޔުޓީ ބޮޑުކުރުމުގެ ނޭދެވޭ އަސަރުކޮށްފައިވާ، މެރީން އަދި އަންނައުނު އުފެއްދުމުގައި ބޭނުންކުރާ ގިނަ ސާމާނުން ވެސް އިމްޕޯޓު ޑިޔުޓީއަށް ލުއި ދޭނެކަމަށް އޭނާ ވަނީ އިޢުލާނުކުރައްވައިފައެވެ. އަދި މަތިންދާބޯޓުތަކުގެ މަރާމާތުގައި ބޭނުންކުރާ ބައެއް ސަމާނުތައް އުފެއްދުމަށް ބޭނުންވާ މުދަލުން ވެސް ލުއި ދޭނެކަމަށް ސީތާރާމަން ވިދާޅުވިއެވެ.

އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މި އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދިނުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ހިމަނައިފައެވެ. މިގޮތުން، މުދާ އުފެއްދުމަށް ކަނޑައަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށްވެސް ޚާއްޞަ ލުއިތަކެއް ދިނުމަށް އިންޑިއާގެ މައި ސަރުކާރުން ވަނީ ނިންމައި، އިޢުލާނުކޮށްފައެވެ.