ކުޅިވަރު

ޕާކިސްތާނުގެ ޖާޒީ ދައްކާލުން ވެސް ފަސްކޮށްފި


އަންނަ ހޮނިހިރު ދުވަހު ފަށާ ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާނުން ބޭނުންކުރާނެ ރަސްމީ ޖާޒީ ދައްކާލުން ވެސް ފަސްކޮށްފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ ޖާޒީ ދައްކާލާނީ މިހާރު ޕާކިސްތާނުގައި އޮސްޓްރޭލިޔާއާ ކުޅެމުންދާ ސިލްސިލާގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ކަމަށެވެ. ނަމަވެސް މިހާރު ވަނީ މި ރަސްމިއްޔާތު ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ޕާކިސްތާނުގެ ރިޕޯޓްތައް ބުނާ ގޮތުން މި ރަސްމިއްޔާތު ފަސް ކުރީ އިންޑިޔާ އާއި ސްރީލަންކާގައި ބާއްވާ މުބާރާތުގައި ޕާކިސްތާނު ބައިވެރިވުމާމެދު އަދިވެސް ގޮތެއް ނުނިމޭތީ އެވެ. މި މުބާރާތުގައި ބައިވެރިނުވާން ޕާކިސްތާނު ވިސްނަމުންދަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އިންޑިޔާ ބޭނުންހާ ގޮތަށް ކަންތައްތައް ބައްޓަން ކުރާތީ އެވެ.

ފެބްރުއަރީ ހަތަކުން މާޗު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގައި ބައިވެރިވުމާމެދު މަޝްވަރާ ކުރުމަށް ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވަނީ މިދިޔަ ހަފުތާގައި ބޮޑު ވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފާ ވެސް ބައްދަލުކޮށްފަ އެވެ. މިއަށްފަހު ހުކުރު ދުވަހު މިކަމާމެދު ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވިފައިވީ ނަމަވެސް މިހާރު ބެލެވެނީ ވަކި ގޮތެއް ނިންމާނީ ހޯމަ ދުވަހު ކަމަށެވެ. އަދި އޭގެ ކުރިން ޕާކިސްތާނު ސަރުކާރުގެ އެންމެ އިސްވެރިން މިކަމާމެދު މަޝްވަރާ ކުރާނެ އެވެ.

2009 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނުން މުބާރާތުން ވަކިވާން އައިސީސީއާ ދެކޮޅަށް ދައްކާ އެންމެ ބޮޑު ހުއްޖަތަކީ ބަންގްލަދޭޝްގެ މެޗުތައް ލަންކާ އަށް ބަދަލުކޮށްދިނުމަށް އެ ގައުމުން އެދިފައިވަނިކޮށް އެކަން ބަލައިނުގަނެ ބަނގަލްދޭޝް މުބާރާތުން ވަކިކޮށް އެ ޖާގަ ސްކޮޓްލޭންޑަށް ދިނުމަކީ ޕާކިސްތާނުން ވަރަށް ސީރިއަސްކޮށް ނަގަމުންދާ މައްސަލަ އެކެވެ. އެ ގައުމުން ބުނަނީ އެ ގައުމުން ބުނަނީ މިއީ އައިސީސީން އެއް ކަމެއްގައި ދެ ގައުމަކަކާމެދު ތަފާތުކޮށް އަމަލު ކުރުން ކަމަށެވެ.

ޕާކިސްތާން އިޝާރާތް ކުރަނީ ހުސްވި އަހަރު އެ ގައުމުގައި ބޭއްވި އޭޝިއާ ކަޕް ކުޅެން ޕާކިސްތާނަށް އައުމަށް އިންޑިޔާ ދެކޮޅު ހެދުމުން އެ ގައުމުގެ މެޗުތައް ޑުބާއީ އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ޕާކިސްތާނުގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ކުޅެން ޖެހުނީ ޑުބާއީގަ އެވެ. ހަގީގީ މުބާރާތެއް ބޭއްވި ކަމުގެ އިހުސާސް ޕާކިސްތާނަށް ނުކުރެވުނެވެ.

މިހެންވެ ޕާކިސްތާނުގެ ޓުވެންޓީ20 ބޮއިކޮޓް ކުރަން ވިސްނި ނަމަވެސް އިންޑިޔާ އަށް ޖެއްސުން ކުރެވޭގޮތަކީ އެ ގައުމާ ދެކޮޅަށް ނުކުޅުން ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ. މި ގޮތަށް ހަދައިފިނަމަ ޕާކިސްތާނަށް ގްރޫޕް ސްޓޭޖުގެ ދެ ޕޮއިންޓް ގެއްލޭނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނެމީބިއާ އާއި ނެދަލޭންޑްސް އާއި އެމެރިކާ އެވެ. މި ޓީމުތަކަށް ބަލާއިރު އިންޑިޔާ މެޗު ދޫކޮށްލާފައި ވެސް ޕާކިސްތާނަށް ދެ ވަނަ ބުރަށް ދިއުމަށް ހުރަސްއެޅޭ ވަރުގެ ގަދަ ޓީމެއް ނެތެވެ.