ޚަބަރު

"ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ސުޕަރ މެޖޯރިޓީ ނިޒާމު ނައްތާލެވޭނެ"


  • ޤައުމީ ވިސްނުންނެތް ބަޔަކު ވެރިކަމުގައި ތިބިނަމަ ސުޕަރ މެޖޯރިޓީގެ ސަބަބުން ޤައުމަށް ގެއްލުން

  • ޒިންމާދާރުކަމެއް ނެތް ސުޕަރ މެޖޯރިޓީއަކުން ސަރުކާރު ޖަވާބުދާރީ ނުކުރާނެ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބޭގޮތަށް އޮތް ނިޒާމު ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ސިޔާސީ ވިސްނުމުގައި ދެ ވޯޓަކަށް ހެދުމުގެ ބަދަލުގައި އެއީ ޤައުމީ ވިސްނުމުގައި ދޭ ވޯޓަކަށް ހެދުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ދެ ތާރީޙެއްގައި ބޭއްވުމުގެ ސަބަބުން ކެންޑިޑޭޓުންގެ ހަމަހަމަކަން ގެއްލިގެންދާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުން ނުކުތުމުގެ ސަބަބުން ސުޕަރ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި ޤައުމީ ވިސްނުން ނުގެންގުޅޭ ބަޔަކު ވެރިކަމުގައި ތިބިނަމަ ޤައުމަށް އޭގެ ސަބަބުން ގިނަ ގެއްލުން ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވޭއިރު މިވާގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ހޮވެނީ ކާކުކަމެއް ނޭނގެ. ނޭނގޭ ހާލުގައި މަޖިލީިސް މެންބަރުން މިހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ވަގުތެއްގައި. އެހެންވީމަ ތިމަންނައަކީ ސަރުކާރުގެ ކެންޑިޑޭޓެކޭ ނުބުނެވޭނެ ނޫންތޯ. އެހެންވީމަ ވެރިކަމަށް ހޮވޭ ޕާޓީގެ ކެންޑިޑޭޓުންނާއި ވެރިކަމަށް ނުހޮވޭ ކެންޑިޑޭޓުންނާއި ދެން ވާދަކުރާ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އެކި ޕާޓީތަކުން މިކްސްއެއް އަންނާނީ އީވަންލީ ޑިސްޓްރިބިއުޓެޑް ނޫނިއްޔާމުން ފެއަރލީ ޑިސްޓްރިބިއުޓެޑް ނަންބަރ އޮފް އެމްޕީސް ތިބޭގޮތަށް އެކި ޕާޓީތަކަށް ޑިސްޓްރިބިއުޓް ވެފައިވާ މަޖިލީހެއް ނޫންތޯ އަންނާނީ. އެ ކޮމްޕޮޒިޝަން އޮންނަ މަޖިލީހެއް ނޫންތޯ ސަރުކާރު ޖަވާބުދާރީ ކުރުވާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޒިންމާދާރުކަމެއް ނެތް ސުޕަރ މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހަށް އަތުވެއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ގެންގުޅޭނީ ސިޔާސީ ވިސްނުމެއް ކަމަށާއި ސުޕަމެޖޯރިޓީގެ ނިޒާމު ނައްތާލެވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބަކީ އެންމެ ގިނަބަޔަކު ވޯޓުލާ އިންތިޚާބަށްވާއިރު މަޖިލިސް އިންތިޚާބުވެސް އެ ދުވަހުގައި ބޭއްވުމުން ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މަޖިލިސް މެންބަރުންވެސް ހޮވިގެންދާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.