ޚަބަރު

ފަހު ވަގުތު ވެސްޓްހޭމް އަތުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފަހު ވަގުތު 3-2 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފި އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު ކޯޗު ލިއާމް ރޮޒޭނިއާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކެޕްޓަން ރީސް ޖޭމްސް އާއި މާކް ކުކުރެޔާގެ އިތުރުން ޖޮއާއޯ ޕެޑްރޯ އަށް މި މެޗުގެ ފުރަތަމަ ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސްޓްހޭމް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު 7 ވަނަ މިނިޓުގައި ވެސްޓްހޭމްގެ ޖެރޮޑް ބޮވެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ކްރިސެންސިއޯ ސަމަވިލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޗެލްސީ އިން ވެސްޓްހޭމްގެ ގޯލަށް އެންމެ ހަމަލާއެއް އަމާޒު ކުރެވިފައިވާއިރު އެ ޓީމަށް އެދެވޭ ފުރުސަތުތަކެއް ވަނީ ތަނަވަސްކުރެވޭ ގޮތް ނުވެފަ އެވެ.

މެޗުގެ ދެވަނަ ހާފަށް ޗެލްސީ ނިކުތްއިރު ކޯޗު ރޮޒޭނިއާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޖޮއައޯ ހަޓޯ އާއި ބަޑިއަޝީލްގެ އިތުރުން އަލެހަންދްރޯ ގަރްނާޗޯގެ ބަދަލުގައި މާކް ކުކުރެޔާ އާއި ވެސްލީ ފޮފާނާގެ އިތުރުން ޖޮއާއޯ ޕެޑްރޯ ވަނީ ކުޅެން އަރުވާފަ އެވެ.

މި ބަދަލުތަކާއިއެކު ޗެލްސީގެ ކުޅުން އިތުރަށް ރަގަޅުވެފައިވާއިރު މެޗުގެ 57 ވަނަ މިނިޓުގައި ވެސްލީ ފޮފާނާ ދިން ޕާހަކުން ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖާހާފަ އެވެ.

ޗެލްސީ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި މާކް ކުކުރެޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށްފަހު ޗެލްސީގެ ޖޮއާއޮ ޕެޑްރޯގެ ކަރުގައި ހިފުމާއި ގުޅިގެން ވެސްޓްހޭމްގެ ޓޮޑިބޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ.

މި ނަތީޖާ އާއިއެކު ޗެލްސީ އަށް ލިބިފައިވާ 40 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ވެސްޓްހޭމް އަށް ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައި 18 ވަނައިގަ އެވެ.