އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.
ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުގެ 36 ވަނަ މިނިޓުގައި ނިއުކާސަލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެކިޓިކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި ފްލޯރިއަން ވާރޓްޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި އިބްރާހިމާ ކޮނާޓޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ. މިއީ ކޮނާޓޭ ގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޓީމާއި ދުރުގައި އުޅުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.
މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ޖުމްލަ 39 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް 2026 ވަނަ އަހަރު ޕްރިމިއާ ލީގުގެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.