ޚަބަރު

އަންނަ ހަފްތާގައި އައްޑޫގައި ސަރުކާރު އައިނު ފިހާރަ ހުޅުވަނީ


  • މި ފިހާރަ ހުޅުވަނީ ހިތަދޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި

ސަރުކާރުން އަތޮޅުތަކުގައި ޤާއިމުކުރާ އައިނު ފިހާރަތަކުގެ ތެރެއިން ފުރަތަމަ ފިހާރަ އައްޑޫގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ދަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ އައިނު ފިހާރަ ހުޅުވާއި ޚިދުމަތްދެމުންނެވެ.

ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ޚަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ސަރުކާރުގެ ސިއްޙީ ޚިދުމަތުގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން، އައިނު ހެއްދޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ.

މާލެ ސަރަހައްދުގައި މާލެއާއި ހުޅުމާލޭގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދެމުންދާއިރު ސަރުކާރުން ދަނީ މި ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން އައްޑޫ ސިޓީގައި ސަރުކާރުގެ އައިނު ފިހާރަ ޤާއިމްކޮށް ހުޅުވަން ވަނީ ތައްޔާރުވެފައެވެ. އައްޑޫ ސިޓީ ހިތަދޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މި ފިހާރަ ޤާއިމްކޮށްފައިވާއިރު އެތަނުގެ ބޮޑުބައެއް ވަނީ ނިންމާލާފައެވެ. އެގޮތުން ފިހާރައިގެ އައިނު ހަރުތަކާއި ލޯ ދެއްކުމަށް ޚާއްސަ ތަންވެސް އެއްކޮށް ވަނީ ނިިންމާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްއިން ވިދާޅުވީ އައްޑޫގައި ހުޅުވާ އައިނު ފިހާރަ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ހުޅުވޭނެކަމަށެވެ.

މާލެ ސަރަހައްދަށް ބަރޯސާނުވެ އަތޮޅުތަކުން ފަސޭހަކަމާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އައްޑޫގައި ޤާއިމްކުރާ އައިނު ފިހާރައަކީވެސް މާލެ ނުގޮސް އަމިއްލަ ރަށުގައި ހުރެގެން ފަސޭހަކަމާއެކު އައިނު ހެއްދޭނެ މަގު ފަހިކުރުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތެކެވެ. އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީގައިވެސް ސަރުކާރުން އައިނު ފިހާރައެއް ޤާއިންކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިހާރު ވަނީ ހަދާފައެވެ. އެ ތަންތަނުގެ ތެރޭގައި މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.

މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.